ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ 72.17 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކޮށްފިއެވެ.
ބްރިޖުގެ މަސައްކަތްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާއިރު، ބްރިޖުގެ ޑެކު އެޅުމަށް ބޭނުންވާ ސެގްމަންޓުތައް ތައްޔާރުކުރުމާއި ހަރުކުރުމުގެ މަސައްކަތްތައް މިހާރު ވަނީ ފެށިފައެވެ. މި މަޝްރޫއަށް ބޭނުންވާ ޖުމްލަ 1222 ސެގްމަންޓުގެ ތެރެއިން 86 އިންސައްތަ ސެގްމަންޓު މިހާރު ވަނީ ކާސްޓުކޮށް ނިންމާފައެވެ. އަދި އޭގެ ތެރެއިން 60 އިންސައްތަ ސެގްމަންޓު މިހާރު ވަނީ ބްރިޖުގައި ހަރުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ބްރިޖާ ގުޅޭ، ގުޅުވައިދޭ މަގުތައް ހެދުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. ޚާއްސަކޮށް ގުޅިފަޅާއި ބްރިޖު ގުޅުވައިދޭ ލިންކު ރޯޑު އެޅުމުގެ މަސައްކަތްތައް ފަށާފައިވާއިރު، ތިލަފުށީގައި ބްރިޖުގެ އެޕްރޯޗު އިންފްރާސްޓްރަކްޗާގެ ބައެއްގެ ގޮތުގައި ހިމެނޭ ރެވެޓްމަންޓުތަކާއި ކަލްވަޓުތައް އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހުރަސްތަކާއި ހައްލުތައްމި މަޝްރޫއު ކުރިއަށްދާ ގޮތާމެދު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މަޝްރޫއު ލަސްވުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ކޮންޓްރެކްޓަރުގެ ފަރާތުން ދިމާވި މައްސަލަތަކާއި، ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމަށް ދިމާވި ހުރަސްތަކާއި، އަދި މަސައްކަތްތައް ތަރުތީބުކުރި ގޮތް ބަދަލުވުން ހިމެނެއެވެ. ނަމަވެސް، މިހާރު އޮތް ސަރުކާރުން ވަނީ މި މަޝްރޫއުގައި ހުރި ފަންނީ އަދި އިދާރީ މައްސަލަތައް ހައްލުކޮށް، މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ކޮންޓްރެކްޓަރާ ގުޅިގެން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
މަޝްރޫއުގެ މުހިންމުކަންތިލަމާލެ ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ގައުމީ ފެންވަރުގެ އެންމެ ބޮޑު އެއް ޓްރާންސްޕޯޓު ލިންކެވެ. މި ބްރިޖު ނިމުމުން، މާލޭގެ ތޮއްޖެހުން ކުޑަކުރެވި، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މަޝްރޫއުގެ ފަހު މަރުހަލާތަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ކުރިއެރުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.





ކިޔުންތެރިންގެ ހިޔާލު