ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅާލާ ސެގްމެންޓުގައި މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތައްކަމަށް ސަރުކާރުން ބުނެފިއެވެ.
މާލެއިން ވިލިމާލެއަށް ބުރިޖު މުޅިން ގުޅުވާލާފައިވަނީ ނިމިދިޔަ އޮގަސްޓުމަހުއެވެ. މަޝްރޫޢުގެ ހަތަރުބައިކުޅަ ތިން ބައިގެ މަސައްކަތް މުޅިން މިާރު ވަނީ ނިންމާލާފައެވެ. 6.7 ކިލޯމީޓަރު ތަރައްޤީކުރާ ބްރިޖުގައި މާލެއިން ވިލިމާލެއަށް އެއީ 2.05 ކިލޯމީޓަރުގެ ދިގުމިނެވެ. މިހާރު ކުރަމުންދަނީ މާލެއިން ވިލިމާލެއަށް ގުޅާލާ ބައިގެ ފިނިޝިން މަސައްކަތްތައްކަމަށް ސަރުކާރުން ބުންޏެވެ. މިގޮތުން ބުރިޖުން ދޮކޮޅަށް ދުއްވާ ލޭންތައް ވަކިކުރުމަށް ޖަހާ މީޑިއަން ބެރިއަރގެ މަސައްކަތާއި، ތާރު އެޅުމުގެ ކުރިން ޑެކްގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ދަނީ ކުރަމުންކަމަށާއި، ރެއިލިން ހަރުކުރުމާއި މަގު ބައްތި އަދި ސީސީޓީ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ކުރިއަށްދާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ބުންޏެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ތިލަމާލެ ބުރިޖުގެ މަސައްކަތަށް އޮތީ ވަރަށް ބޮޑު މަޑުޖެހުމެއް އައިސްފައެވެ. މި މަޝްރޫޢުގައި ސަރުކާރު ހަވާލުވިއިރު ނިންމާފައިވަނީ %27 މަސައްކަތެވެ. ނަމަވެސް ސަރުކާރުން ވަނީ އެ މަސައްކަތުގެ ކޮންޓްރެކްޓަރ އަދި އިންޑިއާ ސަރުކާރާއެކު އިތުރަށް މަޝްވަރާތައް ކުރިއަށްގެންގޮސް މަސައްކަތުގެ ދުވެލި އަވަސްކޮށްފައެވެ. ނަތީޖާއެއްގެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މަސައްކަތުގެ ސްޕީޑް އަވަސްކޮށް، މަޝްރޫޢު ނިންމުމުގެ މަސައްކަތަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ސަރުކާރުގެ މިހާރުގެ ޢަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް މި މަޝްރޫޢުގެ މަސައްކަތް ނިންމާލުމެވެ. ވިލިމާލެއިން ގުޅިފަޅަށް އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމާ ގުޅޭ މަސައްކަތްތައްވެސް ބާރު ދުވެލީގައި ދަނީ ނިންމަމުންނެވެ.
މީގެއިތުރުން މި ރަށްތަށް ހުރަސްކޮށް ހަދާ ހައިވޭތަކުގެ މަސައްކަތްވެސް އެކުއެކީގައި ދަނީ ކުރަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު