މާލެ ސަރަޙައްދު ގުޅާލުމަށްޓަކައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމަށްވާ ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ތެރެއިން، ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް މި ހިނގާ މަހުގެ ނިޔަލަށް ނިންމުމަށް އަމާޒު ހިފައިގެން ކުރިއަށްދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މުޅި މި ބިޔަ މަޝްރޫޢަކީ ކަނޑު ހުރަސްކޮށް އަޅާ 3 ބުރިޖާއި، ގުޅާލެވޭ ރަށްތައް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނޭހެން ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިނަށް ތަރައްޤީކުރާ މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބުރިޖުގެ މަސައްކަތްތައް އަވަސްކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާއިރު، މި މަޝްރޫޢުގެ ދަށުން މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މުހިންމު މަސައްކަތް ނިމިދިޔަ އޮގަސްޓް މަހުގެ ފަހު ހަފްތާގައި ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ވިލިމާލެއިން ގުޅިފަޅަށް ބުރިޖު ގުޅާލުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން މިމަހުގެ ނިޔަލަށް ވިލިމާލެއާއި ގުޅިފަޅު ގުޅާލުމަކީ އެ ވުޒާރާގެ މިހާރުގެ އަމާޒު ކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށްޓަކައި ސައިޓުގައި ވަރަށް ބާރު ސްޕީޑުގައި މަސައްކަތްތައް ދަނީ ކުރިއަށެވެ.

މިވަގުތު ގުޅާނުލެވި ބާކީ އޮތީ އެންމެ ސެގްމަންޓެއްގެ މަސައްކަތެވެ. ބުރިޖުގެ ތަނބުތައް އެއްތަނބު އަނެއް ތަނބާ ގުޅާލުމަށް ބޭނުންކުރާ ސެގްމަންޓްތަކަކީ ގުޅިފަޅު ސައިޓުގައި ކުރިން ތައްޔާރުކޮށް (ޕްރީ ފެބްރިކޭޓްކޮށް) ގެނެސްގެން ހަރުކުރާ ބައިތަކެކެވެ. ވިލިމާލެއިން ގުޅިފަޅަށް އަޅާ ބުރިޖުގެ ދިގުމިނުގައި ގާތްގަނޑަކަށް 750 މީޓަރު ހުންނައިރު، މި ބުރިޖު ތިލަފުއްޓާ ގުޅިގެންދާނީ ގުޅިފަޅުގައި ހަދާ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުގައެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.
ބުރިޖުގެ ސްޓްރަކްޗަރަލް ބައިތަކުގެ އިތުރުން، އެއްގަމުގައި ހަދާ ހައިވޭތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެއްފަސްކޮށް ދަނީ ކުރެވެމުންނެވެ. އެގޮތުން، މިހާރު ނިމިފައިވާ މާލެ-ވިލިމާލެ ބުރިޖުގައި ފިނިޝިންގ މަސައްކަތްތައް ފަށައިގެން ކުރިއަށްދާ ކަމަށް ވުޒާރާއިން ހާމަކުރައްވައެވެ. މީގެ ތެރޭގައި ދެކޮޅަށް ދުއްވާ ލޭންތައް ވަކިކުރާ މީޑިއަން ބެރިއަރުތައް ޖެހުމާއި، ތާރު އެޅުމުގެ ކުރިން ޑެކް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން ރެއިލިންގ ހަރުކުރުމާއި، މަގުބައްތި އަދި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ އިންތިޒާމުތައްވެސް އެއްފަހަރާ ދަނީ ކުރެވެމުންނެވެ.
އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ 500 މިލިއަން ޑޮލަރުގެ މި ބޮޑު މަޝްރޫޢުގެ 77 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މުޅި މި މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް އެއްކޮށް ނިންމައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމެވެ.











ކިޔުންތެރިންގެ ހިޔާލު