ތިލަދުންމަތީ ދެކުނުބުރީ (ހދ.) ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ.
ކުރިނބީ ކައުންސިލުން ބުނިގޮތުގައި ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ.
ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވެ.
މި މަޝްރޫޢަށް ޖުމުލަ 5.9 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ސަރުކާރުން ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އެޅުމަށް ނިންމާފައެވެ. މީގެތެރެއިން ވަރަށް ގިނަ ރަށްތަކެއްގައި ޢަމަލީ މަސައްކަތް ވަނީ ފަށާފައިވާއިރު، މި މަސައްކަތަކީ ކައުންސިލްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމަށް ސަރުކާރުން ފައްޓާވާފައިވާ މަޝްރޫޢުގެދަށުން ފައްޓެވި މަސައްކަތެކެވެ.
ކައުސިލްތަކުން ދޭ އިދާރީ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ރަނގަޅު ފެންވަރެއްގެ އިމާރާތެއް މުހިންމުކަމަށާއި އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު ކައުންސިލްތަކުގެ އައު އިދާރީ އޮފީސް އެޅުމުގެ މަސައްކަތް ކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރިން ވިދާޅުވެފަވެއެވެ.










ކިޔުންތެރިންގެ ހިޔާލު