މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެފައިވަނިކޮށް، 400 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ކްރޫޒްލައިނާއެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
އެމްއެސް ސެވެން ސީސް ނެވިގޭޓަރ ނަމަކަށް ކިޔާ މި އުޅަނދު ރާއްޖެ އައިސްފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއިންނެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން މި އުޅަނދަށް ބޭނުންވާ ކްލިއަރެންސް މަސައްކަތްތައް މިއަދު ހެނދުނު ވަނީ ފުރިހަމަކޮށްފައެވެ.
އެމްއެސް ސެވެން ސީސް ނެވިގޭޓަރ އަކީ ރީޖެންޓް ސެވެން ސީސް ކްރޫޒަސްގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ އަދި މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަޝްހޫރު ލަގްޒަރީ ކްރޫޒް އުޅަނދެކެވެ. ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު މި އުޅަނދު ރާއްޖެ އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، ހާއްސަކޮށް ކްރޫޒް ޓޫރިޒަމްގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މި ކްރޫޒް އުޅަނދުގައި 419 ފަތުރުވެރިންނާއި 371 ފަޅުވެރިން ތިބިއެވެ. ގާތްގަނޑަކަށް 172 މީޓަރު ދިގު މި އުޅަނދަކީ 28,000 ގްރޮސް ޓަނުގެ އުޅަނދެކެވެ. މި އުޅަނދު ފަރުމާކޮށްފައިވަނީ އިންތިހާއަށް މަތީ ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މި އުޅަނދުގެ ޖާގައަކީ ގާތްގަނޑަކަށް 490 ފަސިންޖަރުންނެވެ. މި ދަތުރުގައި އައިސްފައިވާ ފަތުރުވެރިންގެ ތެރޭގައި ގިނައީ ޔޫރަޕްގެ ފަތުރުވެރިންނެވެ.
އިގްތިސާދީ މަންފާފަތުރުވެރިންނާ ނިސްބަތުން ފަޅުވެރިން ގިނަވުމުން އެނގެނީ މި އުޅަނދުން ފޯރުކޮށްދޭ ޚާއްސަ އަދި މަތީ ފެންވަރުގެ ޚިދުމަތެވެ. ކްރޫޒް ފަތުރުވެރިންނަކީ އާންމުކޮށް ގިނައިން ޚަރަދުކުރާ ބަޔަކަށްވާތީ، އެމީހުންގެ އައުމަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާހުރި ކަމެއް ކަމުގައި ބެލެވެއެވެ.
ކްރޫޒް ޓޫރިޒަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދުވަހުން ދުވަހަށް ކުރިއަރަމުން އަންނަ ދާއިރާއެކެވެ. މާލޭ ބަނދަރަށް މިފަދަ އުޅަނދުތައް އައުމުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ލިބެއެވެ. އުޅަނދުން ފައިބާ ފަތުރުވެރިން މާލޭގެ ތާރީހީ ތަންތަނަށް ޒިޔާރަތްކޮށް، ހަނދާނީ ތަކެތި ގަނެ، ލޯކަލް ގައިޑުންނާއި ޓެކްސީ ޚިދުމަތްތައް ބޭނުންކުރެއެވެ. މީގެ އިތުރުން ގިނަ ފަތުރުވެރިން ކައިރީގައި ހުރި ރަށްތަކަށާއި ރިސޯޓްތަކަށް ކުރު ދަތުރުތައްވެސް ކުރެއެވެ.





ކިޔުންތެރިންގެ ހިޔާލު