ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި ޑޮކިއުމަންޓްރީއެއް ގެނެސްދިންކަމުގެ މައްސަލަ ރައްދުވެފައިވާ "އަދަދު" ގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޝަރީއަތް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ފިޔާޒާއި ހަސަނުގެ މައްޗަށް ދައުވާ ކުރަނީ "އަދަދު" ނޫހުން ރައީސް މުއިއްޒުގެ އިސްތަށިފުޅުގައި ގަޛުފުގެ ތުހުމަތު އަޅުވައި ގެނެސްދިން ޑޮކިއުމަންޓްރީއާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން ފިޔާޒާއި ހަސަނަށް ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އޮތީ މެންދުރު ފަހު 1 ޖަހާއިރެވެ. ޗިޓު ފޮނުވާފައިވަނީ ކްރިމިނަލް ކޯޓުގެ ބީ 1 ސެކްޝަނުންނެވެ. އެ ސެކްޝަންގެ މައްސަލަތައް ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީ އެވެ.

އިޝްތިހާރު އިޝްތިހާރު

މި އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ އަދަދު ނޫހުން، ހުތުރު އަދި ޙަޤީޤަތެއް ނެތް ވާހަކަތަކެއް ހިމަނާ ނެރެފައިވާ ވީޑިއޯ ޑޮކިއުމަންޓްރީއާ ގުޅިގެން ޕްރޮސިކިއުޓަރު ޖެނެެެރަލްގެ އޮފީހުން އެ ކޯޓަށް ހުށައެޅި މައްސަލަ ބަލައިގަނެ އަމުރެއް ނެރެފަ އެވެ. ކޯޓުން މިފަދަ އަމުރެއް ނެރުއްވީ އަދަދު ނޫހުގެ އެޑިޓަރ އިން ޗީފް އަދި ސީއީއޯ ޙުސައިން ފިޔާޒް މޫސާ އާއި، އެޑިޓަރ ޙަސަން މުޙައްމަދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ޤަޛުފުގެ ކުށުގެ ދަޢުވާ އެ ކޯޓަށް ހުށައެޅުއްވުމާއި ގުޅިގެން ނެވެ.

އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ "ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ނެރުއްވާފަ އެވެ.

އެ އަމުރުގައި ވަނީ ކޯޓުން އެ މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އަދަދުގެ ވީޑިއޯ ޑޮކިއުމަންޓްރީ މުޖްތަމަޢުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފަ އެވެ.

މި އަމުރަށް ބޯނުލަނބާ ނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމުގައި ބެލިދާނެ އަމަލެއް ކަމަށް އަމުރުގައި ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އަދަދުން އަންނަނީ ކޯޓު އަމުރާވެސް ހިލާފުވަމުން ނެވެ.