އަމިއްލަ އާއިލާ ދިރިއުޅޭ ގެއަށް ބަޔަކު ވައްދައި، ވަޅިން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ލިލީޒް، ޒާހިރު އަލިދީދީ (44އ) އެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޒާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މި ފޭރުމުގެ އަމަލުގައި އަމަލީ ގޮތުން ބައިވެރިވި މީހާ ހައްޔަރުކުރުމަށް ފުލުހުން ދިޔައިރު، އެމީހާއާއެކު އޭނާ ހުއްޓައެވެ.

ފުލުހުން ކޯޓުގައި ފާހަގަކުރި ގޮތުގައި، މި ޖަރީމާ ހިންގުމުގެ ކުރިންވެސް، ފޭރުމުގައި ތުހުމަތުކުރެވޭ ފަރާތްތަކާއެކު ޒާހިރު އުޅެފައިވާކަން ވަނީ އެނގިފައެވެ.

އިޝްތިހާރު އިޝްތިހާރު

ނަމަވެސް، މި ތުހުމަތުތަކަށް އިންކާރުކޮށް ޒާހިރު ކޯޓުގައި ބުނެފައިވަނީ، އޭނާގެ އާއިލާއަށް ބިރުދައްކައިގެން ފައިސާ ފޭރުނު މީހާއާ ދިމާވީ އޮންލައިން ގޭމެއްގެ ތެރެއިން ކަމަށެވެ. އަދި ފޭރެން ދިޔަ މީހުން ގޭގެ ތަޅުދަނޑި އަތުލީ އޭނާ ތަނެއްގައި ބަންދުކޮށްގެން ކަމަށާއި، އެ ޖަރީމާ ހިންގި މީހުންނާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށްވެސް އޭނާ ދިފާއުގައި ބުންޏެވެ.

ކޯޓު އަމުރުގައި ވާގޮތުން، ޒާހިރުގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ފުލުހުން ވަނީ ހުށަހަޅާފައެވެ. އެހެންކަމުން، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތްކޮށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.