ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބީއެމްއެލްގެ ދަށަށް ބަދަލުކޮށް އެސްއެމްއީ ޑިޖިޓަލްގެ ނަމަށް ބަދަލުކުރުމަށްފަހު، އެ ބޭންކުގެ ހިންގުން ހަރުދަނާކޮށް ކަސްޓަމަރުންނަށް ދޭ މާލީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަަތްތަކެއް ކުރެވެމުންދާކަމަށް އެ ކުންފުނީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވެއްޖެއެވެ.
ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން ތަފާތު އެކި މައުލޫމާތުތައް ގެނެސްދިނުމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ތައްޔާރުކޮށް ގެނެސްދޭ “ޓްރޭޑް ޑެސްކް” ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ބަދުރުއްދީން ވިދާޅުވި ގޮތުގައި އެ ކުންފުނިން ހިދުމަތް ދިނުމުގައި ބޭނުންކުރަމުންއައި މޮޑެލް ރިލޭޝަންޝިޕް ބޭންކު މޮޑެލްއަށް ބަދަލުކޮށް، ކޮންމެ ކަސްޓަމަަރަކާ މުއާމަލާތްކުރުމަށް ވަކި މުވައްޒަފަކު ހާއްސަކުރެވިފައިވާ ކަމަށެވެ.
އަދި މި ބަދަލާއެކު އެ ކުންފުނީގެ ކަސްޓަމަރުން މައުލޫމާތު ހޯދުމާއި މުއާމަލާތްތައް ކުރުމުގައި ގިނަ މުވައްޒަފުންތަކަކާ މުއާމަލާތްކުރަންނުޖެހި ކޮންމެވެސް އެއް މުވައްޒަފަކާ މުއާމަލާތްކުރަންޖެހޭ ގޮތަށް ބަދަލުކުރެވުމަކީ ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމުގައި ސީއީއޯ ފާހަގަކުރެއްވިއެވެ.

ބީއެމްއެލްގެ ސަބްސިޑަރީ ކުންފުންޏަކަށްވާތީ އެ ކުންފުނި ހިންގަމުންދަނީ ވަކި ބޯޑަކާއި މެނޭޖުމެންޓެއްގެ ދަށުންކަން ފާހަގަކުރައްވައި ބަދުރުއްދީން ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ ކުންފުނިތަކުގެ ތެރެއިން ހިންގުން އެންމެ ހަރުދަނާ ކުންފުނި ކަމަށްވާތީ، ކަސްޓަމަރުންނަށް ކަންކަން ފަސޭހަކުރުމުގެ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ހިންގުމަށް ގިނަ ހަރުދަނާ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
“ގަވަނެންސް ރަނގަޅުކުރުމުގެ ވާހަކަަދައްކާއިރު، ފައިނޭންޝަލް އިންސްޓިޓޫޝަނެއް ވީމަ، އެމްއެމްއޭއިން ގަބޫލުކުރާ މިންގަނޑުތަކުގައި ހިފަހައްޓަންޖެހޭ. އެހެންވީމާ އަޅުގަނޑުމެން އެ ޕޮލިސީތައް ބަދަލުކުރަމުންދަނީ. އަޅުގަނޑުމެންގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މިއީ އަދި ޕަބްލިކްލީ ލިސްޓެޑް ކުންފުންޏެއް ނޫންނަމަވެސް ސީއެމްޑީގެވެސް އެހުންނަ ގަވަނެންސް ފްރޭމްވޯކާ އެއްގޮތަށް މިތަނުގެ ކަންކަން ބައްޓަންވެގެންދިއުން،” ބަދުރުއްދީން ވިދާޅުވިއެވެ.
އޭގެ އިތުރަށް އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބީއެމްއެލްގެ ނިޒާމުތަކުގެ ތެރެއަށް ފެއްތުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިހާރު ބީއެމްއެލް އެޕް މެދުވެރިކޮށް އެސްއެމްއީ ޑިޖިޓަލުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ސީއީއޯ ވިދާޅުވީ އެސްއެމްއީ ޑިޖިޓަލް އަދި ޖުމްލަކޮށް ބީއެމްއެލްއިންވެސް އެންމެ ބޮޑަށް މިހާރު އަމާޒު ހިފާފައިވަނީ އިސްލާމީ ޝަރީއަތަށް ފެތޭ ހިދުމަތްތައް އިތުރުކުރުން ކަމަށެވެ. އެގޮތުން ބީއެމްއެލްއިން އެ ކުންފުނީގެ ވަރަށް ގިނަ ގޮފިތަކެއް ޝަރީއާ ކޮމްޕްލިއަންޓް ގޮފިތަކަށް ބަދަލުކޮށްފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ކުންފުނީގެ އަމާޒަކީ ސައްތައިން ސައްތަ ޝަރީއާ ކޮމްޕްލައިންޓް މާލީ މުއައްސަސާއަކަށް ބަދަލުވުންކަން ފާހަގަކުރައްވައި ސީއީއޯ ވިދާޅުވީ ބައިނަލްއަގުވާމީ ބޭންކުތަކުގެ ޝަރީއާ ބޯޑުތަކުގައި މަސައްކަތްކުރެއްވި ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކުންފުނީގެ ޝަރީއާ އެޑްވައިޒަރީ ބޯޑު އެކުލަވައިލާފައިވާ ކަމަށެވެ.
އަދި ޝަރީއާ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު އެ ކުންފުނިން ކުރަމުންދާ މަަސައްކަތަކީ ފައިސާ ދެއްކުމުގައި އެކި ސަބަބުތަކާހުރެ ދަތިވެފައި ތިބި ކަސްޓަމަރުންނަށް ރީފައިނޭންސްކުރުމުގެ ހިދުމަތް އިސްލާމީ ޝަރީއަތަށް ފެތޭ މުއާމަލާތްތަކެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.





ކިޔުންތެރިންގެ ހިޔާލު