މެދުއިރުމަތީގެ އެއާލައިނަކާއެކު ޖުމްލަ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް އޭވިއޭޝަން ދާއިރާގެ މާހިރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އިނަ މޯލްޑިވްސްގެ ވެރިޔާ އަދި އޭވިއޭޝަން ދާއިރާގެ މާހިރު މުހައްމަދު ފިރާގު ވިދާޅުވީ، މެދުއިރުމަތީގެ އެއާލައިނަކާ އެކު ޖުމްލަ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ފިރާގު މިފަދައިން ވިދާޅުވެފައި މިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 207,707 އަށް ދަށްވެފައެވެ. މިއީ މާރިޗު މަހު ރާއްޖެ އައި 216,309 ފަތުރުވެރިންނާ އަޅާބަލާއިރު ދަށް އަދަދެކެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ ކުރިއަށް އޮތް ވިންޓަރ ސީޒަނަށް ރާއްޖެއަށް ދަތުރުތައް ފެށުމަށް ތިން އެއާލައިނަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އިދާރީ އަދި ގާނޫނީ ކަންކަން ފުރިހަމަ ކުރުމަށްފަހު، އެ އެއާލައިންތަކުން ރަސްމީކޮށް ދަތުރުތަކުގެ ޝެޑިއުލް އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އެއާލައިންތަކުގެ ނަންތައް ހާމަނުކުރެއްވި ނަމަވެސް، ފިރާގު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މެދުއިރުމަތީގެ އެއް އެއާލައިނާއި އޭޝިއާގެ ދެ އެއާލައިން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް، ފުރުސަތުތައް ހޯދުމުގެ މަސައްކަތް ރާއްޖެއިން ކުރިއަށް ގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ ރޫޓުތައް ބޭނުންކޮށްގެން އަންނަ ފަރާތްތަކެވެ. މި ސަރަހައްދުގެ ފްލައިޓްތައް ގިނަ އަދަދަކަށް ކެންސަލްވަމުން ދިއުމުގެ ސަބަބުން އެ ސިނާއަތަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. ނަމަވެސް، ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، މި ހަމަނުޖެހުންތަކުގެ ތެރޭގައި ޕްރައިވެޓް ޖެޓް ދަތުރުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.










ކިޔުންތެރިންގެ ހިޔާލު