ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކުރާނެކަމަށް ފުލުހުން ބުނެފިއެވެ.
އެޗްއާރްސީއެމުން އިއްޔެ އާންމުކުރި އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ޖަލުތަކުގައި ގައިދީންނަށް ދޭ އަނިޔާ އާއި ބޭސްފަރުވާގެ ކަންކަމާއި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅުތަކުގެ ވާހަކަތައް ހިމެނެއެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް މިނިވަން މުއައްސަސާތަކުން އަދާކުރާ މުހިންމު ދައުރު ބަލައިގަންނަ ކަމަށެވެ. އެންޕީއެމް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ، އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަމަށް ފުލުހުން ބުންޏެވެ. ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކެއް ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަމަށް ފުލުހުން ބުންޏެވެ.

“ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޗްއާރްސީއެމްއާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގައި މި ހިދުމަތުން ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވަމެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ އެޗްއާރްސީއެމްގެ އެ ރިޕޯޓު މީޑިއާތަކުން ކަވަރުކުރިއިރު ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މަނާކޮށްފައިވާ ގޮތާމެދު ކަންބޮޑުވުންފާޅުކުރާ ކަމަށެވެ. މީޑިއާތަކުން އެ ރިޕޯޓު ކަވަރުކުރިއިރު ރިޕޯޓުގެ އަސްލު މަގުސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމަށް ނުބެލުމުގެ އިތުރުން މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކައް ރިއާޔަތްކޮށްފައިނުވާކަމަށް ފުލުހުން ބުންޏެވެ.
“އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަ ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ” ފުލުހުން ބުންޏެވެ.
އެންޕީއެމް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ޏ. ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ކުރި ޒިޔާރަތުގައި، އެ ސްޓޭޝަނުގައި ބަންދުގައި ހުރި މީހަކު ވައިލެންޓްވެ، ކާތަކެތި ހިފައިގެން އަންނަ ބިދޭސީ މީހާ ގައިގާ ޖެހުމުން، ބަންދު މީހާ ހަތް ދުވަހުގެ މުއްދަތަކަށް އެކަހެރިކޮށްފައިވާނެ ކަމަށް އެ ސްޓޭޝަނުގެ މުވައްޒަފުން އެންޕީއެމްއަށް މައުލޫމާތު ދީފައިވެއެވެ.
އަދި ތައުދީބީ ފިޔަވަޅެއްގެ ގޮތުން އެ ބަންދުމީހާގެ އިނާޔަތް ކަނޑާލިކަމަށް ކަސްޓޯޑިއަލް ސިސްޓަމުގައި ލޮގުކޮށްފައިވީ ނަމަވެސް، ބަންދު މީހާ އެކަހެރި ކޮށްފައިވާކަން ލިޔެކިޔުމުން ރެކޯޑުކޮށްފައި ނުވާކަން އެޗްއާރުސީއެމްއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުންވެސް ފުުލުހުންގެ ހިދުމަތުގެ އުސޫލު (ބަންދުގައި ތިބޭ ފަރާތްތަކަށް އިނާޔަތް ލިބިދިނުމާއި ވަގުތީ އިނާޔަތް ހިފެހެއްޓުމާއި ގުޅޭ އުސޫލު)ގެ ދަށުންވެސް އެގޮތަށް ބަންދުމީހަކު އެކަހެރިކުރުމަށް ފުރުސަތު ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މިނޫނަސް ދުނިދޫ ކަސްޓަޑީގައި ބަންދުކޮށްފައިވާ ބަންދުމީހުން ޖަލު އޮފިސަރުންގެ އަމުރުތަކަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ބިޑި އަޅުވައި، އެހެން ބަންދުމީހުންނާ ވަކިން ގޮޅިން ބޭރުގައި ހުރި ސަރަހައްދެއްގައި ބަހައްޓާ ކަމަށް ބަންދު މީހުން އެންޕީއެމްއަށް މައުލޫމާތު ދީފައިވާ ކަމަށެވެ. ޖަލުގެ އާންމު މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ބައެއް ހާލަތްތަކުގައި ނުކިޔަމަންތެރިވާ ބަންދުމީހުން ހިފެހެއްޓުމުގެ ގޮތުން ބައެއް ހާލަތްތަކުގައި ނުކިޔަމަންތެރިވާ ބަންދުމީހުން ބިޑިއަޅުވައި ވަކި ވަގުތަކަށް އެކަހެރިކުރާކަމަށް ޖަލުގެ މުވައްޒަފުންވެސް އެންޕީއެމްއަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އޭގެ އިތުރުން އެންޕީއެމްއިން ބެލި ބައެއް ހާދިސާ ރިޕޯޓުތަކުން، ބަންދުމީހުން ސާޗުކުރަން އުޅުމުގެ ތެރޭގައި، ބަންދު މީހަކު ޖަލު އޮފިސަރުންނާ ހަޑިހުތުރު ބަހުރުވައިން މުއާމަލާތުކޮށް، އޮފިސަރުގެ އަމުރަށް ނުކިޔަމްނތެރިވުމުން ބަންދުމީހާގެ އަތުގައި ބިޑި އަޅުގައި އެކަހެރިކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގެ 34 ވަނަ މާއްދާގެ (ބ)ގައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކިޔަމަންތެރިކުރުވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން ގޮޅިން ނެރުމުންވެސް ނުކިޔަމަންތެރިކަން ދައްކައި، އޭނާއާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
އެ މާއްދާގެ ދަށުން ބަންދުމީހެއްގެ ގައިގާ އަތު ބިޑި، ފައި ބިޑި، އަނގަ ބިޑި ނުވަތަ ޖެކެޓް ބިޑި ނުވަތަ މި ނޫނަސް އެފަދަގޮތަކަށް މީހެއްގެ އަމަލުތައް ހުއްޓުވުމަށް ބޭނުންކުރުމަށް އެކަށީގެންވާ ބިޑިއެއް އެޅުވުމުގެ އިހްތިޔާރު އޮފިސަރުންނަށް ލިބިދެނީ ބަންދުމީހާ ނުކިޔަމަންތެރިކަން ދައްކައި އޭނާ ޖަލު އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ދިމާވެދާނެ ފަދަ ގޮތަކަށް އަމަލުކުރާނަމައެވެ. އެހެންކަމުން ބަންދުމީހާގެ ގައިގައި ބިޑި އަޅުވަންވާނީ ބަންދުމީހާއާއި ޖަލު އޮފިސަރުގެ ރައްކަލަކަށް ކުރާ ވަގުތީ ކަމެއްގެ ގޮތުގައި ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ބުނީ ބަންދުކޮށްފައި މީހުން އެކަހެރިކޮށް، ބިޑި އަޅުވާފައި ބައިތިއްބާ ސަރަހައްދަކީ ކަސްޓޯޑިއަލްގެ ހިނގާ ކަސްރަތުކުރާ ކޮށްޓެއް ކަމަށާއި، އެ ތަނަކި ބަންދުމީހުން އެކަހެރިކޮށްފައި ބެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން ފާހަގަވެފައިވާ ކަަމަށެވެ.
އެގޮތުން މެންދުރު އެތަނަށް ވަރަށް ހޫނުގަދަވާނެ ކަމާއި، ބައެއް ފަހަރު ބަންދު މީހުން އަތާއި ފައިގައި ކްލިޕް އަޅުވައި އެތަނުގައި ކުނަލެއް މަތީ ގިނައިރުތަކެއް ބާއްވާކަން ފާހަގަވެފައިވޭ. މިގޮތަށް ބާއްވާއިރު ފާހަނާކުރުމަށާއި ނަމާދުކުރުމުގެ ފުރުސަތު ދޭނެ ކަމަށް އޮފިސަރުން މައުލޫމާތު ދިން ނަމަވެސް، އެކަން ސިސްޓަމުގައި ލޮގްކޮށްފައި ނުވާކަން ފާހަގަވެފައިވާ ކަމަށް ވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައިވެއެވެ.






ކިޔުންތެރިންގެ ހިޔާލު