ކޮންމެ މަސައްކަތްތެރިއަކީވެސް ޤައުމަށް މުހިންމު ޚިދުމަތްތެރިއެއްކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހިނގާލުމުގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އެކި ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރައްވަމުންގެންދަވާ ކޮންމެ ބޭފުޅެއްގެ ޚިދުމަތަކީ ޤައުމަށް އަގުނުކުރެވޭވަރުގެ ޚިދުމަތެއްކަމަށާއި، އެފަރާތްތަކަށް ކުރިމަތިވަމުންދާ ކޮންމެ ދަތިކަމެއް ހައްލުކުރުމަކީ ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވާކަމެއްކަމަށެވެ.
ޢުމްރާނީ ގޮތުންނާއި، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުންވެސް މަސައްކަތް ކުރައްވާ ކޮންމެ މީހަކުވެސް އެކުރައްވަނީ ޤައުމަށް މުހިއްމު ޚިދުމަތެއްކަމަށާއި، އެއީ އަގުނުކުރެވޭނެ ޚިދުމަތެއްކަމަށް ހީނާ ވިދާޅުިވިއެވެ. އަދި އެބޭފުޅުންނަށް ދިމާވާ ދަތިތައް ހައްލުކުރެއްވުމަށް ސަރުކާރުން ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މަސައްކަތްތެރިންނަކީ ޤައުމުގެ ހުންގާނުކަމަށާއި އެއީ ޤައުމުގެ އިންޖީނުކަމަށް ސިފަކުރައްވާ ވަޒީރު ވަނީ އެފަރާތްތަކުގެ އަގު ވަޒަންކުރުމަކީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދުކަމަށްވެސް ވިދާޅުވެފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރަނީ މަސައްކަތްތެރީންގެ ދުވަހުގެ ގޮތުގައެވެ. އެދުވަސް ފާހަގަކުރަނީ މަސައްކަތްތެރީންގެ ހައްގުތަކާއި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުންނެވެ.




ކިޔުންތެރިންގެ ހިޔާލު