ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އެކުންފުނީގެ މިހާރުގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އައްޔަންކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ މަޤާމަށް އަޒްވަރު އައްޔަންކޮށްފައިވާކަމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން ވަނީ ޔަޤީންކޮށްދެއްވާފައެވެ.
ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރި ޑރ. ޢަލީ އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި ހަކަތައިގެ ދާއިރާގެ ސިޔާސަތުތައް އެކުލަވާލުމުގެ ތަޖުރިބާކާރު ބޭފުޅެކެވެ. ސްޓެލްކޯގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޑރ. އަޒްވަރު މިހާރު ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ. ސްޓެރެޓެޖިކް ލީޑަރޝިޕް، އޮޕަރޭޝަންސް، ފައިނޭންސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ ދާއިރާއިން އޭނާ ހާސިލުކުރައްވާފައިވާ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ މައި ކަރަންޓު ޚިދުމަތްދޭ ކުންފުނީގެ މިސްރާބު ކަނޑައެޅުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޑރ. އަޒްވަރު ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައެވެ. އެއަށްފަހު، ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަޤާމުތައް ފުރުއްވާފައިވެއެވެ. މިހާރު ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމާއި ހަވާލުވުމުގެ، ކުރިން ޗީފް އޮޕަރޭޓިންގ އޮފިސަރުގެ (ސީ.އޯ.އޯ) މަޤާމުގައި ހުންނަވައިގެން، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި، ރާއްޖޭގެ ހަކަތައިގެ ބޭނުންތަކަށް އެކަށޭނަ ސިޔާސަތުތައް އެކުލަވައިލުމަށް އޭނާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ކުންފުނީގެ އިސް ހިންގުންތެރިއެއްގެ ޒިންމާގެ އިތުރުން، ޑރ. އަޒްވަރު ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމު ފުރުއްވައި، އެ ކުންފުނީގެ ހިންގުމާއި އިސްތިރާތީޖީ މަސައްކަތްތަކުގައި ވެސް އޭނާ ލަފާދެއްވާފައިވެއެވެ.
ޑރ. އަޒްވަރުވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަރސިޓީ އޮފް ވެލިންގޓަނުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ހާސިލުކުރައްވާފައެވެ. އޭނާގެ ޕީއެޗްޑީ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. އޭނާ ވަނީ ނޭޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޫރުން މާސްޓަރ އިން ޕަބްލިކް ޕޮލިސީ ހާސިލުކުރައްވައި، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން އޮނަރސްއާއެކު ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އޭނާގެ ތަޢުލީމީ އަދި މަސައްކަތުގެ ތަޖުރިބާ ބިނާވެފައިވަނީ ދެމެހެއްޓެނިވި ހަކަތަ ކުރިއެރުވުމާއި، ޖަޒީރާ ޤައުމުތަކަށް އެކަށޭނަ ސިޔާސަތުތަކުގެ އެހީގައި ދާއިރާ ހަރުދަނާކުރުމުގެ މައްޗަށެވެ.








ކިޔުންތެރިންގެ ހިޔާލު