ސަރުކާރުގެ ބޮޑެތި ހޮސްޕިޓަލްތަކަށް އޮންނަ ބާރު ކުޑަކުރުމަށް ހަދަމުންގާ ޖީޕީ ކްލިނިކްތަކު އިތުރު ތިން ކްލިނިކެއް އޮގަސްޓް މަހަށް ދާއިރު ނިމި ހުޅުވިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މާލޭގެ ތެލަސީމިއާ ސެންޓަރު ކުރިން ހިންގި ތަނުގައި ޖީޕީ ކްލިނިކެއް ޤާއިމްކުރުން ކުރިއަށްދާކަމަށެވެ. އަދި ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސްދުވަހުގެ ތެރޭގައި އެތަން ނިންމައި ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކަށް ޑޮކްޓަރަށް ދެއްކުމަށް އޮންނަ ކިޔޫތައް ކުޑަ ކުރުމަށް، މާލެ ސަރަހައްދުގައި ޖުމްލަ ހަ ޖީޕީ ކްލިނިކެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެ ތެރެއިން މާފަންނުގައި މިހާރުވެސް ކްލިނިކެއް ހުޅުވައި ހިދުމަތް ދެމުން އަންނައިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައިވެސް ކްލިނިކެއް އެޅުމުގެ އަމަލީ މަސައްކަތް ދަނީ ކުރިއަށެވެ އަދި  ދެވަނަ ފިޔަވަހީގައިވެސް އިތުރު ޖީޕީ ކްލިނިކެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށާއި، ފުރަތަމަ ފިޔަވަހީގައިވެސް އެފަދަ ކްލިނިކެއް ޤާއިމްކުރެވެމުންދާކަމަށެވެ.

އިޝްތިހާރު އިޝްތިހާރު
ކުރިއަށް އޮތް 3-4 މަސް ތެރޭގައި ނިންމާފައި ހުޅުވަން... އެހެން ގޮތަކަށް ދަންނަވަންޏާ ޖުލައި އޮގަސްޓަށް ދާއިރު، އުއްމީދަކީ މާލެ ސިޓީގައި ހުންނާނެއޭ 4 ޖީޕީ ކްލިނިކް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގައިވެސް އެ ޚިދުމަތް ފަށަން ސަރުކާރުން ވަނީ ޕްލޭންކޮށްފައެވެ. ރައީސް ވިދާޅުވީ ސިޓީތަކުގައި މިއަހަރު ތެރޭގައި ޖީޕީ ކްލިނިކްގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އޭގެފަހުން އާބަން ސެންޓަރުތަކަށްވެސް އެ ޚިދުމަތް ފުޅާކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ޖުމްލަ ހަ ޖީޕީ ކްލިނިކެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މާފަންނުގައި މިހާރުވެސް ކްލިނިކެއް ހުޅުވައި އަންނަނީ ޚިދުމަތް ދެމުންނެވެ.