ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅައިފައިވާ މައްސަލައަށް، އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދު ތަދައްޚުލްވާން އެދި ހުށަހަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމްއަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭގެ ކެންޑިޑޭޓް ޝާހިދަށް ލިބުނީ 392 ވޯޓެވެ. ނަމަވެސް ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާ މައްސަލައެއް ފާހަގަވެ، އެމްޑީއޭއިން ކޮމިޝަނަށް ހުށަހެޅި މައްސަލަ ސާބިތުވުމުން އެ ވޯޓަކީ ބާތިލް ވޯޓެއް ކަމަށް ކަނޑައެޅިއެވެ.

އެއަށްފަހު ދ. މީދޫގެ ވޯޓު ފޮށިތައް އަލުން ގުނުމުން އެއްވޯޓު އިތުރަށް ލިބިގެން އެމްޑީއޭގެ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ.

އިޝްތިހާރު އިޝްތިހާރު

ފަހުގެ ނަތީޖާއަށް ބަލާއިރު، ސުހާއަށް ލިބުނީ 391 ވޯޓެވެ. ޝާހިދަށް 392 ވޯޓު ލިބުނެވެ.

އެ ނަތީޖާއާ ގުޅޭ މައްސަލަ ހައިކޯޓަށް ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާއެވެ.

އެމްޑީއޭ އިން ބުނީ ދަތައްޚުލްވާން ޝާހިދު ހުށަހެޅުއްވީ އެ މައްސަލައިގައި އޭނާގެ މަސްލަހަތު އޮތުމުންނާއި، މައްސަލަ ނިމޭ ގޮތަކުން އޭނާގެ ހައްގެއް ގެއްލުމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

އެ ހުށަހެޅުން ބަލައިގަތުމާ ގުޅޭ ގޮތުން މިހާތަނަށް ކޯޓުން ވަކި ގޮތެއް އަންގައިފައިނުވެއެވެ.