ރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު، 959 ނެނޯސްޓިކާއެކު މާލޭން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިމިގްރޭޝަންގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ޚިލާފަށް ވޭޕްގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައި ވާކަމަށެވެ.

ފުލުހުން ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ 34 އަހަރުގެ ބަންގްލަދޭޝަށް ނިސްބަތްވާ، ޗައިއޮން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު 959 ނެނޯ ސްޓިކާއި، 34 ފްލޭވާއާއި، ޑިސްޕޯސަބަލް 11 ސްޓިކް ފެނިފައި ވާކަމަށް ފުލުހުން ބުންޏެވެ.

އެ މުއައްސަސާއިން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މިފަދަ މައްސަލަތައް މި ފަހަކަށް އައިސް ވަނީ ގިނަވެފައެވެ.

ނޮވެންބަރު 15، 2024 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރިކުރުމަކީ މަނާ ކަމެކެވެ.