"ރާޔާ މާލެ" ނަމުގައި ހިންގާ ޕޭޖަކުން ސްކޭމް ކޮށްގެން މީހުންގެ ބޭންކު އެކައުންޓްގައި ހުރި ހުރިހާ ފައިސާއެއް ފޭރޭތީ، އެކަމަށް ސަމާލުވާން ފުލުހުން މިއަދު އެދިއްޖެ އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ ޖުވެލަރީ ފިހާރައަކަށް ހެދިގެން އެ ޕޭޖުން ސްކޭމްގެ މަޅީގައި މީހުން ޖައްސަނީ 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ދޭ ކަމަށް ކަސްޓަމަރަށް ދައްކައިގެން ކަމަށެވެ.

ނަމަވެސް ސްކޭމްކުރާ ޕޭޖުން ކަސްޓަމަރު އެއްޗެއް ގަންނަން ބޭނުންވެއްޖެ ހިނދެއްގައި، ފައިސާ ދެއްކުމަށް ފޭކް ލޮގިން ޕޭޖެއް ދައްކައި، ބެންކް އޮފް މޯލްޑިވްސްގެ ޔޫޒާ އަދި ޕާސްވޯޑް އަތުލާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"މި ވެބްސައިޓަކީ ކާޑުގެ މައުލޫމާތުގެ އިތުރުން ތިޔަފަރާތުގެ އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ވަގަށް ނެގުމަށް ހިންގަމުންދާ ސްކޭމެއް،" ފުލުހުން ބުންޏެވެ.

މިގޮތުން އެ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން އިންޓަނެޓް ބޭންކިންއަށް ވަދެ، އެކައުންޓުގައި ހުރި ފައިސާ ފޭރިގަންނަން މަސައްކަތް ފަށާ ކަމަށް ފުލުހުން ބުންޏެވެ.

އެއްވެސް ވެބްސައިޓަކުން ބޭންކުގެ ލޮގިންއަށް ވަނުމަށް ދީފައިވާނަމަ، އެކަން އެގޮތަށް ނުކުރުމަށާއި އޯޓީޕީއެއް ހިއްސާކުރަން އެދިފައިވާނަމަ އެކަން ވެސް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

"ރާޔާ މާލެ" ނަމުގައި ހިންގާ ވެބްސައިޓުގައި މައުލޫމާތެއް ޖެހިފައިވާނަމަ، ލަސްނުކޮށް ބޭންކަށް ގުޅައި އެކައުންޓާއި ކާޑު ބްލޮކް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.