އިރުވައި މޫސުމާ ދިމާކޮށް، ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓުކުރުމަށް އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އެދެފިއެވެ.

ކޮންމެ އަހަރެއްގެ އިރުވައި މޫސުމުގައި ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރެއެވެ. ކޮންމެ އަހަރަކު ވެސް މި މޫސުމުގައި ރާއްޖެ އަންނަ ދޫނިތައް ވިތަފާރީގެ ބޭންތަކަށާއި އެ ނޫސްވެސް އެކި ބޭނުންތަކަށް ބޭނުން ކުރެއެވެ.

މިއީ ގާނޫނީގޮތުން މަނާ ކަމެކެވެ.

އިޝްތިހާރު އިޝްތިހާރު

މިކަމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި އީއާރްއޭ އިން ވަނީ މި ދޫނިތަކަކީ އެހެން ގައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ޚިލާފުވެވޭ ކަމަށް ބުނެފައެވެ. އެގޮތުން ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެއް ކަމަށް އީއާރްއޭ އިން ބުންޏެވެ.

އެހެންކަމުން މިފަދަ އަމަލުތަކުން ދުރުވެ، ހެދިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތައް އަމަލު ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ގަވާއިދާ ޚިލާފަށް މިފަދަ ދޫނިތައް ހިފާ ގެންގުޅޭ ފަރާތެއް އެނގޭނަމަ ލަސްނުކޮށް ހޮޓްލައިން، 7980379 އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ވެސް އީއާރްއޭއިން ވަނީ އެދިފައެވެ.