ކުއްލި ޚަބަރު

ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން 10 މީހަކަށް ދައުވާކޮށްފި

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

ރާއްޖެއާއި އިނގިރޭސި ވިލާތުގެ ބަދަހި ގުޅުމަށް ނައިބު ރައީސްގެ ތައުރީފް

ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު އިމާރާތަކީ ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤްފު ބިނާ: ޝަހީމް

Dr shaheem

ހުޅުމާލޭގައި ޢިމާރާތްކުރާ ވަޤްފު އިމާރާތަކީ ރާއްޖޭގައި މިހާތަނަށް ޤާއިމްކުރެވޭ އެންމެ ބޮޑު ވަޤްފު ބިނާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ހުޅުމާލޭގައި ބިނާ ކުރާ ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ އެޅުމަށްޓަކައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ވާހަަކަފުޅުދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ، ވުޒާރާގެ އަމާޒަކީ މިހާރު ކުރިއަށްދާ ވަޤްފު މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާ ބޭނުން ކުރަން ފެށުން ކަމަށެވެ.

ވަޒީރު ވިދާޅުވީ، ދާރުއްސަލާމް ވަޤްފު އިމާރާތަކީ ރާއްޖޭގެ އިސްލާމީ ދާއިރާއަށް ވަރަށް ބޮޑު ހެވަކަށް ވެގެންދާނެ މަޝްރޫޢުއެއްކަމަށާއި، މި އިމާރާތުގައި މަލްޓިޕާޕޮސް ހޯލާއި، ޑޭކެއަރ ސެންޓަރު ފަދަ މުހިއްމު ވަސީލަތްތައް ޤާއިމް ކުރެވިގެންދާނެކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޤްފު މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ދެއްވަވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. މިއަދު ދާރުއްސަލާމް ވަޤްފު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން، 12 ބުރިއަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދާރުއްސަލާމް ވަޤްފު އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެކެވެ. ޢިމާރާތުގެ ބޭސްމަންޓުގައި ޚާއްސަ ޕާކިންގ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު ​ގްރައުންޑް ފްލޯގައި ހުންނާނީ ރިސެޕްޝަން ސަރަހައްދާއި އިތުރު ޕާކިންގ ވަސީލަތްތައް ޤާއިމްކުރެވިފައެވެ. އަދި ފުރަތަމަ ފަންގިފިލާ ވިޔަފާރި ބޭނުންތަކަށް ދޫކުރާ ގޮތަށް ހަމަޖެހިފައިވާއިރު ތިން ވަނަ ފަންގިފިލާއިން ބާރަވަނަ ފަންގިފިލާއަށް ޒަމާނީ އޮފީސްތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓީންގ ރޫމް ޤާއިމް ކުރެވޭނެއެވެ. ޢިމާރާތުގެ ​ދެވަނަ އަދި 11 ވަނަ ފަންގިފިލާގައި ގިނަ ބޭނުންތަކަށް ބޭނުންކުރެވޭ ޒަމާނީ ހޯލު ހެދުމަށް ހަމަޖެހިފައިވާއިރު (މަލްޓި-ޕަރޕަސް ހޯލް) ​ފުރާޅު ނުވަތަ ރޫފްޓޮޕްއަކީ ހުޅުވާލެވިފައިވާ ޓެރަސްއެކެވެ.

އަދި މި އިމާރާތުގައި ޑޭ ކެއާރ ސެންޓަރެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމް ޤާއިމް ކުރާނެއެވެ.

24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 244,508,842.00 ރުފިޔާއެވެ. މި މަޝްރޫޢު ނިންމުމަށްފަހު 5 އަހަރު ދުވަހަށް ޢިމާރާތުގެ މެއިންޓެނަންސް މަސައްކަތް އެ ކުންފުނިން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މިއީ ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ފައިނޭނިންސްގެ ދަށުން ފައިނޭންސް ކުރާ މަޝްރޫޢުއެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

893

ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން 10 މީހަކަށް ދައުވާކޮށްފި

448775 6411da9b 4

ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ދޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

448853 44357d2d 1

ރާއްޖެއާއި އިނގިރޭސި ވިލާތުގެ ބަދަހި ގުޅުމަށް ނައިބު ރައީސްގެ ތައުރީފް

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!

TTH_advertisement