ރަޝިޔާގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށް ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ބުނީ ރަޝިޔާަގެ އިރު އުތުރު އައްސޭރި ކަމްޗަޓްކާ އަށް ރިކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

މެޓް އޮފީހުން ބުނިގޮތުގައި މި ބިންހެލުން ރެކޯޑް ކުރެވިފައި ވަނީ ރާއްޖޭގެ ގަނޑިން ހެނދުނު 7:37 ގައެވެ. އަދި މި ބިންހެލުން އައީ ރާއްޖޭގެ ވެރިރަށް މާލެ އާއި 9421 ކިލޯ މީޓަރު ދުރުން ކަމަށް ވެސް ބުންޏެވެ.

މެޓް އޮފީހުން ބުނީ މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަކަށް ނުކުރާނެކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން ބައިނަލްއަގްވާމީ ރިޕޯޓްތަކަށް ބަލާއިރު، ޔޫ.އެސް ޖިއޮލޮޖިކަލް ސާރވޭއިން ހާމަކުރި ގޮތުގައި ހޮނިހިރު ދުވަހުގެ އިރުއެރި ވަގުތު ރަޝިޔާގެ ކަމްޗަޓްކާ ސަރަޙައްދުގެ އިރުމަތީ ސަރަޙައްދުގައި ރިކްޓަރ މިންގަނޑުން 7.4ގެ ވަރުގަދަ ބިންހެލުމެއް ރިކޯޑުކުރެވުނެވެ. މި ބިންހެލުމުގެ މައި މަރުކަޒު ހުރީ ޕެޓްރޮޕަވްލޮވްސްކް-ކަމްޗަޓްސްކީން 111.7 ކިލޯމީޓަރު (69.3 މޭލު) އިރުމައްޗަށެވެ. އަދި ބިންހެލުން ފެށުނީ 39 ކިލޯމީޓަރުގެ ފުންމިނަކުންނެވެ.

2025 ވަނަ އަހަރުގެ ޖުލައި 20 ވަނަ ދުވަހު ރަޝިޔާގެ ކަމްޗަޓްކާ ޕެނިންސުލާގައި ވަރުގަދަ ފަސް ބިންހެލުމެއް އައެވެ. މީގެ ތެރެއިން އެންމެ ވަރުގަދަ ބިންހެލުން ރިކްޓަރ މިންގަނޑުން 7.4 ގައި ރިކޯޑުކުރެވުނެވެ.

މީގެ އިތުރުން ޖަރުމަނުގެ ޖިއޯސައިންސް ރިސާރޗް ސެންޓަރުން ބުނެފައި ވަނީ ހޮނިހިރު ދުވަހު ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ ފަރާތުގައި 7.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. މިއީ ޖުލައި މަހު ބޮޑު ބިންހެލުމަކާއި އަލިފާން ފަރުބަދައެއް ގޮވުމަށް ކުރިމަތިވި ސަރަހައްދެވެ. މި ބިންހެލުން އައީ ބިމުގެ އަޑިން 10 ކިލޯމީޓަރުގެ ފުންމިނުގައެވެ. ޖުލައި މަހު ކަމްޗަޓްކާ ޕެނިންސުލާގެ އިރުމަތީ ސަރަހައްދުގައި އައި 8.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން ހަވާއީ، އަލާސްކާ، ޖަޕާން އަދި ރަޝިޔާގެ އިރުމަތީ ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނެވެ.