އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދު (27އ) އިތުރު 30 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި އެވެ.

އެ މައްސަލައިގައި އާޝިދުގެ އިތުރުން ފުލުހުން ހައްޔަރުކުރީ އއ. މާޅޮސް، ލިލީފެހި، މުހައްމަދު ވިޝާމް (22އ) އާއި އއ. މާޅޮސް، ފިނިވާގެ، އަހުމަދު ފާރިސް (27އ) އެވެ.

އެ އެންމެން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މީގެކުރިން ވަނީ އަމުރުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް މާޅޮހުގައި ވަނީ ހަރަކާތްތެރިވެފައެވެ. އެ މައްސަލައިގެ ތަހުގީގަށް އެ ރަށުގެ ގިނަ ބަޔަކާ ވަނީ ސުވާލުކޮށްފައެވެ. ތަހުގީގުގެ ބޭނުމަށް އަބްދުއްރަހްމާންގެ އަންހެނުން ނާޒިމާ އިބްރާހީމްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމަށްފަހު ދޫކޮށްލިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަބްދުއްރަހްމާނަށް މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ހަމަލާދީފައިވާ އިރު، އޭނާގެ އަންހެނުންނަށް ފެނުނީ އޭނާ މަރަށް ތެޅި ތެޅި އޮއްވައެވެ. ދެން ވަގުތުން ގެންދިޔައީ މާޅޮހު ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭ އޭނާ ވަނީ މަރުވެފައެވެ.

ފުލުހުން ވަނީ އަބްދުއްރަހުމާންގެ ހަށިގަނޑުގެ އޯޓޮޕްސީއެއް ވެސް ހަދައިފައެވެ.