ގައުމުތަކުގެ އެހީތެރިކަން ހޯދި ނަމަވެސް، އެހެން ބަޔަކު އައިސް ދިވެހި ގައުމުގެ ކަންކަމާ ހަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ދިވެހި ގައުމު އަބަދުވެސް އޮންނަންޖެހޭނީ ރައްޔިތުން ހިމާޔަތްކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި އާބާދީ ކިތަންމެ ކުޑަނަމަވެސް ގައުމުގެ ކަންކަން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

ފަންނީގޮތުންނާއި ތަކެތީގެ ގޮތުން އެހެން ގައުމުތަކުގެ އެހީތެރިކަން ހޯދަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމުގައި ސަރުކާރު އޮންނާނީ ހުރިހާ ގައުމަކާވެސް އެކުގައި ކަމަށެވެ. ނަމަވެސް، އެހެން ބަޔަކު އައިސް ދިވެހި ގައުމުގެ ކަންކަމާ ހަވާލުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުގައި، ރާއްޖެ މިނިވަންކޮށްދެއްވުމަށް މަސައްކަތްކުރެއްވި ގައުމީ އަބުތާލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީއަށް ޝުކުރުވެރިވާންޖެހޭ ކަމަށާއި އަންނަން އޮތް ޖީލަށް ގައުމު މިނިވަންކަންމަތީ، ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ ޒިންމާއެއް ކަމަށް އެ ކަމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މިނިވަންކަމާއެކު ދިގު މާޒީއެއް ހޭދެކުރި ގައުމެއް ކަމަށާއި މިނަވަންކަން ގެއްލިގެންދިޔަ މަދުފަހަރެއްގައި، އެ މިނިވަންކަން ހޯއްދެވުމުގައި ގައުމުގެ އަސްކަރީ ބާރާއި ސަލާމަތީ ހިދުމަތްތަކުން ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.

ސަރުކާރުގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ ސިފައިންނަށާއި ފުލުހުންގެ މުއައްސަސާ ކުރިއެރުވުމަށްޓަކައި ކޮށްދޭންޖެހޭ ކަންކަމަށް އިސްކަންދެއްވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ސަރުކާރު އެގޮތުގައި ދެމިއޮންނާނެ ކަމަށާއި އެއީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށެވެ.