ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މުޅި ރާއްޖެ ޞިއްޙީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ޚުޠުބާގައި ދީފިއެވެ.

"ފާޙިޝު ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނުގައި ފާޙިޝު ކަންކަމުގެ ގޮތުގައި ބެލެވެނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމެކެވެ. އޭގެ ތެރޭގައި ޒިނޭއާއި ލިވާޠު އަދި ސިޙާޤު ފަދަ ނުބައިވެގެންވާ ފާފަތައް ހިމެނޭއިރު، އެފަދަ ކަންކަން ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް ކުރުން މާތް ﷲ ވަނީ ޙަރާމްކުރައްވާފައެވެ.

ޚުޠުބާގައި ފާހަގަކުރި ގޮތުގައި، މި ޒަމާނުގައި ވިޔަފާރީގެ އުޞޫލުން ފާޙިޝު ޢަމަލުތައް ހިންގާ މީހުން ގިނަވެ، އެކިއެކި މަންސަތަކުގައި އަގުތަކާއެކު އެފަދަ ކަންކަން ފާޅުގައި އިޢުލާނުކުރަމުން ދެއެވެ. މިފަދަ ނުރައްކާތެރި ވަބާތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި މައިންބަފައިންނާއި ބެލެނިވެރިންނާއި، މުދައްރިސުންނާއި މުރައްބީންގެ އިތުރުން މުއައްސަސާތަކުގެ މަސްއޫލުވެރިން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

އިޝްތިހާރު އިޝްތިހާރު

މީގެ އިތުރުން، ފާޙިޝު ޢަމަލުތައް މުޖުތަމަޢުގައި ޢާންމުވެއްޖެނަމަ، އިސްވެދިޔަ މީހުންގެ ޒަމާނުގައި ނުދެކޭފަދަ ވޭންދެނިވި ބަލިމަޑުކަން ފެތުރިގެންދާނެކަމުގެ ނަބަވީ އިންޒާރު ހަނދާންކޮށްދެމުން، އެޗްއައިވީ/އެއިޑްސް އަދި ފުރަމެއަށް ޖެހޭ ނުރައްކާތެރި ބަލިތައް ފެތުރުމުގެ ބިރު އޮތްކަން ޚުޠުބާގައި ފާހަގަކުރިއެވެ. އަދި މިފަދަ ބަލިތައް ޖެހޭ މީހުންގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގާ ފަރާތްތައް ގިނަކަން ވެސް ބަޔާންކުރިއެވެ.

ފާޙިޝު ކަންކަމުން ރައްކާތެރިވުމަށްޓަކައި، ކުޅަދާނަކަން ލިބިގެންވާ މީހުން ޙަލާލު ގޮތުގައި ކާވެނިކުރުމަށާއި، ކާވެނިކުރުމުގެ ކުޅަދާނަކަން ނެތް މީހުން ރޯދަހިފުމަށް ޚުޠުބާގައި ނަޞޭޙަތްތެރިވިއެވެ. އަދި ތަނަވަސްކަން ހުރި ފަރާތްތަކުން ޒުވާނުން ކާވެނިކުރުމަށް އެހީތެރިވެދިނުމަކީ ފާޙިޝު ޢަމަލުތައް ހުއްޓުވުމަށް އެޅޭނެ މުހިންމު ބާރެއް ކަމުގައިވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.