ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހިންގަމުން އަންނަ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައި ގޮވުމެއް ހިނގައި، ހަތް މީހަކަށްވުރެ މަދުނޫން އަދަދަކަށް މީހުން ޒަޚަމްވެއްޖެއެވެ.

އީރަވަން އެމަޖެންސީ މެޑިކަލް ސެންޓަރުން ލިބުނު މައުލޫމާތާ ހަވާލާދީ އޮފިޝަލުން ހާމަކުރި ގޮތުގައި، އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލަތު ވަރަށް ނާޒުކެވެ.

ބެންކޮކްގެ އިރުމަތީ ފަރާތުގައި އޮންނަ ބަންގްޗަކް ކޯޕަރޭޝަންގެ ތެޔޮ ރައްކާކުރާ މަރުކަޒުގައި ހިނގި މި ގޮވުމާއި އަލިފާނުގެ ހާދިސާއާ ގުޅިގެން، ރައްޔިތުންގެ ސަލާމަތަށްޓަކައި ކައިރި ހިސާބުތަކުން މީހުން ހުސްކުރުމަށް ބަންގްޗަކް ޑިސްޓްރިކްޓް އޮފީހުން ވަނީ އަންގާފައެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކާރުޚާނާގެ ތެރެއިން ބޮޑެތި އަލިފާންގަނޑުތައް އުފެދި، އުޑުމަތި ވަނީ ކަޅު ބޯ ދުމުން ބައްދާލާފައެވެ.

އިޝްތިހާރު އިޝްތިހާރު

ހާދިސާއާ ގުޅިގެން ބަންގްޗަކް ކޯޕަރޭޝަނުން ނިންމާފައިވަނީ، ޕްރާ ޚަނޮންގް އޮއިލް ރިފައިނަރީގެ އެންމެހައި އުފެއްދުންތެރި މަސައްކަތްތައް މިވަގުތަށް މެދުކަނޑާލުމަށެވެ.

މި ރިފައިނަރީ ގާއިމުވެފައިވަނީ ބެންކޮކް ސިޓީގެ މެދުތެރެއާ ގާތުގައި ނަމަވެސް، އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ގުދަންތަކާއި ސިނާއީ އޮފީސްތައް ހިމެނޭ، އަދި ބަނދަރާ ކައިރި ސަރަހައްދެކެވެ. ބަންގްޗަކް ޑިސްޓްރިކްޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގަން ދިމާވި އަސްލު ސަބަބު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ބެންކޮކްގެ ކަމާބެހޭ އިދާރާތަކުން މޯބައިލް ފޯނުތަކަށް ފޮނުވި ކުއްލި މެސެޖެއްގައި ވަނީ އަލިފާންގަނޑު މިހާރު ފުރިހަމައަށް ކޮންޓްރޯލް ކުރެވިފައިވާކަން ޔަގީންކޮށްދީފައެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނުތިން ޗާންވިރަކުލް ބުރާސްފަތި ދުވަހު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މި މައްސަލަ ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، މިހާރު ހާލަތު އޮތީ ބާރުގެ ދަށުގައެވެ. މީގެއިތުރުން، އަލިފާން ރޯވެފައިވަނީ ތެޔޮ އުފެއްދުމުގެ މައި މަސައްކަތްތައް ހިނގާ ބައިގައި ނޫން ކަމަށް ބެލެވޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބަންގްޗަކް ކޯޕަރޭޝަންގެ ރަސްމީ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކާރުޚާނާއަކީ ދުވާލެއްގެ މައްޗަށް 120,000 ފީފާގެ ތެޔޮ ޕްރޮސެސްކުރުމުގެ ގާބިލުކަން ލިބިފައިވާ ޒަމާނީ ފެންވަރުގެ ތަނެކެވެ. މީގެ ކުރިން 2012 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައިވެސް މި ރިފައިނަރީގައި ބާރުގަދަ ގޮވުމެއް ހިނގައި، ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ.