ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ފަސްވަނަ ބުރުގައި އަޒަރުބައިޖާނުގެ ސަބާހްއާ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ކާމިޔާބުކޮށް، ބާސެލޯނާއިން އެ ކްލަބުގެ ތާރީޚުން ޖާގަ ހޯދައިފިއެވެ. ބުދަ ދުވަހު އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވިއިރު، އެ ޓީމުން ވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ އާ ރެކޯޑެއް ގާއިމުކޮށްފައެވެ.
ސްޕެއިންގެ މަޝްހޫރު ތަފާސްހިސާބު އެކައުންޓް "މިސްޓަ ޗިޕް" އިން ހާމަކުރި ގޮތުގައި، މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ނިމިދިޔަ ސީޒަނުގައި ޓީމުގައި ނުހިމެނޭ، އަލަށް ގުޅުނު ތިން ކުޅުންތެރިއަކު އެއް މެޗެއްގައި ބާސެލޯނާއަށް ލަނޑު ޖަހައިދިން ފުރަތަމަ ފަހަރެވެ. މި ތާރީޚީ ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އިންގްލެންޑުގެ އެންތަނީ ގޯޑަން، ޖަރުމަނުގެ ކަރިމް އަދެޔެމީ އަދި ބްރެޒިލްގެ ގެބްރިއަލް ޖީސޫސް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، 31 ވަނަ މިނެޓުގައި އަދެޔެމީ ނަގައިދިން ހުރަހަކުން ގޯލްކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލީޑު ނަގައިދިނީ ގޯޑަން އެވެ. އަދި ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި އޭނާ ވަނީ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި އަދެޔެމީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، ހަތަރުވަނަ ލަނޑު 60 ވަނަ މިނެޓުގައި ޖަހައިދިނީ ޖީސޫސް އެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ސަބާހްގެ ޖޯއި-ލާންސް މިކެލްސް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ ނަތީޖާއަށް މާބޮޑު ބަދަލެއް ނުގެނެވުނެވެ. މި ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑުން ބާސެލޯނާއާ ގުޅުނު ގޯޑަން އާއި، ބޮރޫޝިއާ ޑޯޓްމަންޑުން ބަދަލުވި އަދެޔެމީ އަދި އާސެނަލްގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު އެ ޓީމާ ގުޅުނު ޖީސޫސް ދަނީ އައު ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މި މެޗު ކުޅުނު ބާކޫ ސިޓީއަކީ ގޯޑަންއަށް ޚާއްސަ ހަނދާންތަކެއް އޮތް ތަނެކެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނިއުކާސަލް އިން 6-1 ގެ ނަތީޖާއަކުން ގަރަބަގް ބަލިކުރި މެޗުގައި އޭނާ ވަނީ އެ ސިޓީގައި ހަތަރު ލަނޑު ޖަހައިފައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އޭނާ ޖެހި ލަނޑުތަކާއެކު، އޭނާ ވެގެންދިޔައީ ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އަދި ޔޫރަޕުގެ މުބާރާތެއްގެ އެއް މެޗެއްގައި ހަތަރު ލަނޑު ޖެހި ނިއުކާސަލްގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފުވެސް އޭނާ ހޯދިއެވެ.
ސަބާހް އަތުން ލިބުނު މޮޅާއެކު، ބާސެލޯނާއިން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފަސް މެޗުން ޖުމްލަ 18 ލަނޑު ހަމަކޮށްފައެވެ. މިއީ 2024-2025 ގެ ސީޒަނުގައި އެ ޓީމުން ދެއްކި އެންމެ ރަނގަޅު ލަނޑު ޖެހުމުގެ ރެކޯޑާ އެއްވަރުގެ އަދަދެކެވެ. ނަމަވެސް، މި މުބާރާތުގެ ފުރަތަމަ ފަސް މެޗުން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އަދިވެސް އޮތީ 2017-2018 ވަނަ އަހަރުގެ ސީޒަނުގައި ފަސް މެޗުން 24 ލަނޑު ޖެހި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ އަތުގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.