ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗުގައި، ޒުވާން ތަރި ލަމީން ޔަމާލް ހެދި އައު ރެކޯޑަކާއި ކެޕްޓަން ރަފީނިއާ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު 3-0 އިން އެސްޓަން ވިލާ ބަލިކޮށް، ބާސެލޯނާއިން ވިލާގެ ބަލިނުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފިއެވެ.
އުނައި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އެސްޓަން ވިލާއިން މި ސީޒަނުގެ ޗެމްޕިއަންސް ލީގު ފެށީ މޮޅުވުމުގެ ފުރިހަމަ ރެކޯޑަކާއެކު ނަމަވެސް، މިއީ އެ ޓީމު މި ސީޒަނުގެ މުބާރާތުގައި ބަލިވި ފުރަތަމަ މެޗެވެ.
ވާރޭގެ ތެރޭގައި ސްޕޮޓިފައި ކޭމްޕް ނޯގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު، 7 ވަނަ މިނެޓުގައި ބާސެލޯނާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ ވިލާގެ ޔާއޯ ގޯމޭޒް އަމިއްލަ ޕެނަލްޓީ އޭރިއާ ތެރޭގައި ހާސްވެގެން ދިން ނުރައްކާތެރި ޕާހެއްގެ ފައިދާ ނަގައި، ޔަމާލް ކާމިޔާބުކުރި ލަނޑެކެވެ. މިއީ ޗެމްޕިއަންސް ލީގުގައި އުމުރުން 19 އަހަރުގެ ޔަމާލް ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި19 އަހަރުން ދަށުގެ ކުޅުންތެރިޔާއަށެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފުގައި އެސްޓަން ވިލާއިން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން މެޓީ ކޭޝް އަދި ގޯމޭޒް ފޮނުވާލި ހަމަލާތައް ބާސެލޯނާގެ ޑިފެންޑަރުން ބްލޮކްކުރިއިރު، ޔޯހަން މަންޒަމްބީއަށް ލިބުނު ރަނުގެ ފުރުސަތު ބާސާގެ ކީޕަރު ޖޮއާން ގާސިއާ ވަނީ މޮޅަށް ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި ބާސެލޯނާއިން މެޗުގެ ކޮންޓްރޯލް ފުރިހަމައަށް ނެގިއެވެ. މެޗުގެ 52 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ދިން ރީތި ތުރޫ ޕާހަކުން ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ރަފީނިއާއެވެ. އަދި އޭގެ 12 މިނެޓު ފަހުން، މެޗުގެ 64 ވަނަ މިނެޓުގައި ޔާއޯ ކަންސޭލޯ ނަގައިދިން ހުރަހަކުން ރަފީނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ.
މެޗުގެ 65 އިންސައްތަ ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސެލޯނާއިންނެވެ. މިއީ ވޭތުވެދިޔަ 18 ޗެމްޕިއަންސް ލީގު މެޗަށްފަހު، ބާސެލޯނާގެ ކޮޅަށް ލަނޑެއް ނުވަދެ ނިންމައިލި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.
މި މޮޅާއެކު ކުޅުނު މެޗުތަކުން ލިބުނު 9 ޕޮއިންޓާއެކު، ފައިދާ ގޯލުގެ ތަފާތުން ބާސެލޯނާ ވަނީ ވިލާ ފަހަތަށް ޖައްސާލައި ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ބަލިވި ނަމަވެސް އެސްޓަން ވިލާ އޮތީ 9 ޕޮއިންޓާއެކު ތާވަލުގެ 3 ވަނާގައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.