ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ތުރުކީގެ ގަލަތަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުގައި، ފަހަތުން އަރައި 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސެލޯނާއިން މޮޅުވެއްޖެއެވެ.
ތުރުކީގެ އިސްތަންބޫލްގައި 49،000 އަށް ވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ހައިރާންކަން ގެނުވީ ގަލަތަސަރާއީންނެވެ. މެޗުގެ 28 ވަނަ މިނިޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސޭ ބަޓްރަކޯވްއެވެ. އޭގެ ހަ މިނިޓު ފަހުން އެ ޓީމުގެ ބަރިސް އަލްޕާ ޔިލްމާޒް އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ދިގުކޮށް ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
ބާސެލޯނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޮއާއޯ ކަންސޭލޯއެވެ.

ދެވަނަ ހާފު ފަށައިގެން ބާސެލޯނާއިން ވަނީ އެ ޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ. އެގޮތުން، ދެވަނަ ހާފުގެ ފަސްވަނަ މިނިޓުގައި ޒުވާން ތަރި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ފާމިން ލޮޕޭޒް ވަނީ ލަނޑު ޖަހައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ތިން މިނިޓު ފަހުން، ޔަމާލްގެ އިތުރު އެސިސްޓަކުން އެންތަނީ ގޯޑަން ވަނީ ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މެޗުގައި ބާސެލޯނާއިން ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ 65 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކަރީމް އަޑެޔޭމީއެވެ.
މި ކާމިޔާބީއާއެކު ބާސެލޯނާއިން ވަނީ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، 6 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ހޯދާފައެވެ. ސްޕޯޓިންގް އަދި އާސެނަލްއަށްވެސް 6 ޕޮއިންޓް ލިބިފައިވީ ނަމަވެސް، ބާސެލޯނާއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.











ކިޔުންތެރިންގެ ހިޔާލު