މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން "ފައިސާ މާރުކުރުމުގެ ވިޔަފާރިއާބެހޭ ގަވާއިދު" ގެ ނަމުގައި އާ ގަވާއިދެއް މިއަދު ގެޒެޓްކޮށް، އެ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
ބޭރު ފައިސާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 32/2024) ގެ ދަށުން ހެދި މި ގަވާއިދާ އެކު، ކުރިން އެމްއެމްއޭގެ ޤާނޫނުގެ ދަށުން ހަދައި 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ އެއްވަނ ދުވަހު އަމަލުކުރަން ފެށި "މަނީ ޗޭންޖިންގ ވިޔަފާރިއާބެހޭ ގަވާއިދު" (2024/R-92) އާއި 2025 ވަނަ އަހަރު އެ ގަވާއިދަށް ގެނައި އިސްލާހު ވަނީ އުވިގެން ގޮސްފައެވެ.
އާ ގަވާއިދުގެ ދަށުން ލައިސަންސް ދޫކުރާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. ކުރީގެ ޓިއާ ނިޒާމު އުވާލައި، ދެން ދޫކުރާނީ އެންމެ ލައިސަންސެކެވެ. އެ ލައިސަންސްގެ ދަށުން ވިޔަފާރި ހިންގޭނީ ދެ ކެޓަގަރީއަކުންނެވެ. ކެޓަގަރީ-އޭ ގައި އާންމުންނާއި ވިޔަފާރިތަކާއި އެ ނޫން ވެސް ފަރާތްތަކަށް ޚިދުމަތް ދެވޭ އިރު، ކެޓަގަރީ-ބީ ގައި ޚިދުމަތް ދެވޭނީ ހަމައެކަނި ވިޔަފާރިތަކަށެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ސެކިއުރިޓީ ޑިޕޮސިޓުގެ ޢަދަދު ވެސް މި ގަވާއިދުގައި ވަނީ ބޮޑުކޮށްފައެވެ. ކުރިން 100,000 އެމެރިކާ ޑޮލަރު ގޮތުގައި އޮތް ޑިޕޮސިޓް 200,000 އެމެރިކާ ޑޮލަރަށް ބޮޑުކޮށްފައިވާ އިރު، އިތުރު ކޮންމެ ތަނަކަށް ބަހައްޓާ ޑިޕޮސިޓް ވެސް 50,000 ޑޮލަރުން 100,000 ޑޮލަރަށް ވަނީ މައްޗަށް ޖައްސައިފައެވެ.
ނަގުދު ފައިސާ ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ 50,000 ރުފިޔާގެ ލިމިޓަކީ ކުރީގެ ގަވާއިދުގައި ވެސް ކަނޑައަޅާފައި އޮތް އެ ގޮތަށް ދެމެހެއްޓި ލިމިޓެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.