ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނާ މުހާތަބުކުރާނެ ރަސްމީ އުސޫލު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ.
ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް ސޮއިކުރައްވައި އިއްޔެ ނެރުނު މި ސާކިއުލާގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދިވެހިބަހުން މުހާތަބުކުރާނީ "އޮނަރަބަލް" ލަގަބާ އެކުގައެވެ. އެގޮތުން އުއްތަމަފަނޑިޔާރަށް "ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް" ގެ ނަމުން މުހާތަބުކުރާ އިރު، ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރުންނަށް ވެސް "އޮނަރަބަލް" ގެ ލަގަބު ބޭނުންކުރަންޖެހެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރާއި ފަނޑިޔާރުންނަށް "އަލްއުސްތާޒު" ނުވަތަ "އަލްއުސްތާޒާ" ނުވަތަ "ޑޮކްޓަރު" ލަގަބާއެކު ނަން ބޭނުންކުރަން ވަނީ ހަމަޖައްސައިފައެވެ. ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓުގެ އިސް ގާޒީންނާއި ގާޒީންނަށް ވެސް ހަމަ އެ ލަގަބުތައް ބޭނުންކުރާނެއެވެ.
މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުސޫލުގެ ދަށުން، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންނަށް ވެސް "އަލްއުސްތާޒު" ނުވަތަ "އަލްއުސްތާޒާ" ނުވަތަ "ޑޮކްޓަރު" ލަގަބާއެކު މުހާތަބުކުރަންޖެހެއެވެ. ކޯޓެއް ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނަ ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް ވެސް އެ މަގާމާ ގުޅޭގޮތަށް މުހާތަބުކުރާނެ އުސޫލު ސާކިއުލާގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ދިވެހިބަހުގެ ލަގަބުތަކާއެކު، އިނގިރޭސިބަހުން މުހާތަބުކުރާނެ ގޮތް ވެސް މި ސާކިއުލާގައި ވަނީ ތަފްސީލުކޮށް ކަނޑައަޅައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.