ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ވިޔަފާރީގެ މުއާމަލާތްތައް ފުޅާކޮށް، ދެ ގައުމުގެ ބަނދަރުތަކުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމާއެކު ކަނޑުދަތުރުފަތުރުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށްޓަކައި ހާއްސަ ގުޅިފައިވާ ވޯކިން ގްރޫޕެއް (ޖޮއިންޓް ވޯކިން ގްރޫޕް) އުފެއްދުމަށް ދެ ގައުމުން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފޯ މެރިޓައިމް އެފެއާޒް މުހައްމަދު ޖުނައިދު އަންވަރު ޗައުދަރީ އަދި ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެން އޮންލައިންކޮށް ބޭއްވެވި މަތީ ފަންތީގެ ބައްދަލުވުމެއްގައެވެ. އިއްޔެ ހެނދުނު ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ޕާކިސްތާނުގެ ފެޑެރަލް މިނިސްޓަރ ފޯ ކޮމާސް ޖާމް ކަމާލް ޚާންގެ އިތުރުން ޕްރައިމް މިނިސްޓަރުގެ އެޑްވައިޒަރ އޮން އިންޑަސްޓްރީޒް އެންޑް ޕްރޮޑަކްޝަން ހާރޫން އަޚްތަރު ޚާނާއި ދެ ގައުމުގެ ކަމާގުޅޭ ވުޒާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކޮށްގެން އިގުތިސާދު ކުރިއެރުވުން (ބްލޫ އިކޮނޮމީ) ނުވަތަ ނޫ އިގުތިސާދުގެ ދާއިރާއިން އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ފަހިކުރުމުގެ މައްޗަށެވެ.

އިޝްތިހާރު އިޝްތިހާރު

ބައްދަލުވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޕާކިސްތާނުގެ މިނިސްޓަރު ޖުނައިދު ޗައުދަރީ ވިދާޅުވީ، ދެ ގައުމުގެ ބަނދަރުތައް އެކަށީގެންވާ ގޮތެއްގައި ގުޅުވާލައި، މުއައްސަސާތަކުގެ ގުޅުން ބަދަހިކޮށް، އަދި ވިޔަފާރިވެރިންގެ ދައުރު ފުޅާކޮށްގެން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ވިޔަފާރީގެ އަދަދު 200 މިލިއަން އެމެރިކާ ޑޮލަރަށް ގެންދިއުމަކީ އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މުދާ ކަމުގައިވާ ހަނޑޫ، ހަކުރު، މޭވާއާއި ތަރުކާރީގެ އިތުރުން ބޭހާއި ފޭރާމުގެ ބާވަތްތައް ޕާކިސްތާނުން ދިވެހިރާއްޖެއަށް އެތެރެކުރާ މިންވަރު އިތުރުކުރުމަށް ރާވާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަލަށް އުފައްދާ ގުޅިފައިވާ ވޯކިން ގްރޫޕުގައި ހިމެނޭނީ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކާއި އިގުތިސާދީ ދާއިރާތައް ތަމްސީލުކުރާ މަންދޫބުންނެވެ. މި ގްރޫޕުގެ މައިގަނޑު ޒިންމާއަކަށް ވާނީ ދެމެދުގައި އޮތް ވިޔަފާރީގެ އާ ދޮރުތައް ހުޅުވައިދިނުމާއި، ގުޅުން ބަދަހިކުރެވިދާނެ ދާއިރާތައް ދެނެގަތުމުގެ އިތުރުން ދެ ގައުމުގެ ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތައް ފަހިކުރުމަށް ބޭނުންވާ ލަފަޔާއި ހުށަހެޅުންތައް އެކުލަވާލުމެވެ.

މީގެއިތުރުން، ދެ ގައުމުގެ ދެމެދުގައި މުދާ އުފުލުމުގެ ކަންކަން ލުއިފަސޭހަކޮށްދިނުމަށާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށްޓަކައި، ބަނދަރުތަކުގެ މެދުގައި ކުރެވޭ ދަތުރުތައް އަވަސްކޮށް، ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަކީ މުހިންމު ކަމެއްކަމަށް ދެ ފަރާތުންވެސް ވަނީ އިއްތިފާގުވެފައެވެ.

މި މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން އަމަލީ ގޮތުން ތަންފީޒުކުރުމުގެ ގޮތުން، ޕާކިސްތާނުގެ މެރިޓައިމް އެފެއާޒް މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިން، އެ ގައުމުގެ އިގުތިސާދީ އަދި ސިނާއީ ދާއިރާ ތަމްސީލުކުރާ މަތީ ފަންތީގެ ވަފުދެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޒިޔާރަތުގެ މައިގަނޑު ބޭނުމަކީ ވިޔަފާރީގެ އާ ފުރުސަތުތައް ދެނެގަނެ، ދެ ގައުމު ގުޅިގެން ކުރިއަށްގެންދެވިދާނެ އަމަލީ މަސައްކަތްތައް ކަނޑައެޅުމެވެ.