ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ.
މޯލްޑިވިއަނުން މިއަދު ބުނީ، އަންނަ އަހަރުގެ މެދުތެރޭގައި ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި ދަތުރުތައް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، ޕާކިސްތާނުގައި ޖެނެރަލް ޕެސެންޖާ ސޭލްސް އޭޖެންޓް (ޖީއެސްއޭ) ގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތެއް ހޯދުމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން އިއްޔެ ވަނީ ހުޅުވާލާފައެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ބުނީ، އެ މަސައްކަތަށް ޝައުގުވެރިވާ، ކަމުގެ ގާބިލުކަމާއި ތަޖުރިބާ ހުރި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރިކުއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) ގައިވާ އުސޫލުތަކާ އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 23:59 އެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު ސީދާ ވައިގެ ދަތުރުތަކެއް ނުބާއްވައެވެ.
ޕާކިސްތާނުގެ ގައުމީ އެއާލައިން ކަމަށްވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލީޓަށް އާ ބޯޓުތައް އިތުރުވުމާ އެކު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެކަން އެ އެއާލައިންގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު މިދިޔަ ސެޕްޓެންބަރު މަހު ވަނީ އިއުލާންކުރައްވާފައެވެ.
ޕާކިސްތާނަށް ސީދާ ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވަމުން އަންނައިރު، މިހާރު ބައިނަލްއަގުވާމީ ދަތުރުތައް ބާއްވަނީ ޗައިނާ، އިންޑިއާ، ބަންގްލަދޭޝް، ތައިލެންޑް އަދި އޮސްޓްރޭލިއާއަށެވެ. އޭގެ ތެރޭގައި ޗައިނާގެ ބެއިޖިން، ޝަންހާއީ އަދި ޗެންގްދޫއާއި، އިންޑިއާގެ ކޮޗިން އަދި ޓްރިވެންޑްރަމްގެ އިތުރުން، ބަންގްލަދޭޝްގެ ޑާކާއާއި، ތައިލެންޑުގެ ބެންކޮކް އަދި އޮސްޓްރޭލިއާގެ މެލްބަން ހިމެނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.