ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ހިންގުމުގެ ހަމަތަކާއި އުސޫލުތަކަށް އެންމެ ފުރިހަމައަށް ޢަމަލުކުރި ކުންފުންޏަކަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް ހޮވިއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޝާއިޢުކުރި ވޭތުވެދިޔަ އަހަރުގެ "ކޯޕަރޭޓް ގަވަނެންސް ކޮމްޕްލައެންސް ރިވިއު" ގައެވެ.
ޕީސީބީން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޯޑުތަކަށް ކުންފުނިތަކުން ތަބާވާ މިންވަރު ދެނެގަތުމަށް އެކުލަވާލި މި ރިޕޯޓުގައި ސަރުކާރު ހިއްސާވާ 21 ކުންފުންޏެއް ވަނީ ވަޒަންކޮށްފައެވެ. މި ރިވިއުއިން ދައްކާ ގޮތުގައި، 2023 ވަނަ އަހަރާ އަޅާބަލާއިރު ކުންފުނިތަކުން އުސޫލުތަކަށް ބޯލެނބި މިންވަރު ވަނީ 68 އިންސައްތައިން 78 އިންސައްތައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވަޒަންކުރި ކުންފުނިތަކުގެ ތެރެއިން 11 ކުންފުންޏަކުން ވަނީ 75 އިންސައްތައަށްވުރެ މަތިން މާކްސް ހޯދާފައެވެ.
ބޯޑުތަކުގެ އެކުލެވުމަށް ބެލުމެއްނެތި، ހިންގުމުގެ އުސޫލުތަކަށް ޢަމަލުކުރި މިންވަރަށް ބަލާއިރު %98 ގެ ނަތީޖާއަކާއެކު އެއްވަނަ ހޯދީ އައިލެންޑް އޭވިއޭޝަނެވެ. ދެވަނައަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދީ %97 އާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. އަދި %93 ހޯދައިގެން ތިންވަނަ ލިބުނީ އާސަންދަ ކުންފުންޏަށެވެ.
ކުންފުނިތަކުގެ ޙާލަތު އިތުރަށް ބަޔާންކުރަމުން ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރެފައިވަނީ އެންމެ 12 ކުންފުންޏަކުންނެވެ. އަދި ޕީސީބީގެ މިންގަނޑަށް ފެތޭ ޗީފް ފައިނޭންޝަލް އޮފިސަރަކު (ސީއެފްއޯ) ހުރީ 16 ކުންފުންޏެއްގައެވެ. މީގެއިތުރުން 9 ކުންފުންޏެއްގެ 19 އޮޑިޓެއް އަދިވެސް ފުރިހަމަނުކޮށް އޮތްއިރު، 7 ކުންފުންޏެއްގެ އަހަރީ ޕްލޭން ތައްޔާރުކޮށްފައެއް ނުވެއެވެ. އަދި ދެ ކުންފުންޏަކުން އުފެދުނީއްސުރެ އަހަރީ އާންމު ޖަލްސާއެއް ބާއްވާފައި ނުވާއިރު، މެއި 31 ގެ ކުރިން އަހަރީ ޢާންމު ޖަލްސާ ބޭއްވުނީ އެންމެ 4 ކުންފުންޏަށެވެ.
ވެބްސައިޓުތައް މެދުވެރިކޮށް އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމުގެ މިންވަރު %45 ގައި ހުރި ނަމަވެސް، މިއީ ކުރީގެ %29 އާ އަޅާބަލާއިރު ލިބުނު ބޮޑު ކުރިއެރުމެކެވެ.
ޑިރެކްޓަރުންގެ ބޯޑުތަކުގެ ކަންކަމަށް އަލިއަޅުވާލާއިރު، 21 ކުންފުނީގެ 124 ޑިރެކްޓަރުންގެ ތެރެއިން އަންހެނުންގެ ނިސްބަތަކީ %23 އެވެ. އަދި 3 ކުންފުންޏެއްގެ ބޯޑުގައި އެއްވެސް އަންހެން މެންބަރަކު ނެތްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން މާލީ ބަޔާން ހުށަހަޅާފައިވަނީ އެންމެ 7 ކުންފުންޏެއްގެ ޑިރެކްޓަރުން ކަމަށާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑިރެކްޓަރުންގެ ތަމްރީނު ފުރިހަމަކޮށްފައިވަނީ 10 ކުންފުންޏެއްގެ ޑިރެކްޓަރުން ކަމަށްވެސް ޕީސީބީގެ ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.