ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަރައްގީކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ޑިޒައިން ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

އައިއޭއެސް އިން ނެރެފައިވާ އިއުލާނުގައި ވާގޮތުން، މި ހައުސިން މަޝްރޫއުގެ ޑިޒައިންގެ މަސައްކަތްތައް ހަވާލުކުރުމަށް ނިންމާފައިވަނީ މި ދާއިރާއިން އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ގާބިލު ކުންފުނިތަކާއެވެ. އެހެންވެ، މި ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދޮރު މިހާރު ވަނީ ވަކި މުއްދަތަކަށް ހުޅުވާލެވިފައެވެ.

މި ފުރުސަތުގެ ބޭނުންހިފަން އެދޭ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ފޯމު ފުރިހަމަކުރުމަށްފަހު އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ. އަދި އީއޯއައި ފޮނުވުމުގެ އެންމެ ފަހު ތާރީޚަކަށް ކަނޑައަޅާފައިވަނީ މި ހިނގާ މަހުގެ 17 ވަނަ ދުވަހެވެ.

އިޝްތިހާރު އިޝްތިހާރު

އިއުލާނާ ގުޅިގެން އާންމުކޮށްފައިވާ ޑްރޯވިން ގައިޑްލައިންތަކަށް ބަލާއިރު، މުވައްޒަފުންގެ މި ހައުސިން އިމާރާތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ. މި އިމާރާތް އެޅުމަށް 20،819 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާއިރު، މިއީ އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ އުއްމީދު ގެނެސްދޭނެ މުހިންމު ފިޔަވަޅެކެވެ.

މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަނީ އެ ފަރާތްތަކުގެ މުވައްޒަފުންނަށް ހުޅުމާލޭގައި ފްލެޓް އެޅުމުގެ ކާމިޔާބު މަޝްރޫއުތައް ހިންގާފައެވެ. އައިއޭއެސް އިން މި ފެށި މަސައްކަތަކީ ވެސް މުވައްޒަފުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދީ، ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ފެށި މުހިންމު މަސައްކަތެކެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ހިންގަން ރާވާފައިވާ ބޮޑެތި މަޝްރޫއުތަކަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ތިން ބިލިއަން ރުފިޔާ ވަނީ ޚާއްސަކޮށްފައެވެ.