ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ރުހުންދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ސަމީރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ޔޫނުސެވެ. މި ހުށަހެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވިއިރު، އެ ހުށަހެޅުން ފާސްވެގެން ދިޔައީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވަނީ މިހާރު އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލީ ރަޝީދު ޙުސައިން އަންނަ މަހު ރިޓަޔާ ކުރައްވާތީއެވެ. އެ މަގާމަށް ހުޅުވާލި ފުރުސަތުގައި ޝައުގުވެރިކަން ފާޅުކުރައްވައި ކުރިމަތިލެއްވީ ސަމީރުގެ އިތުރުން ހައި ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ.

އިޝްތިހާރު އިޝްތިހާރު

ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަލީ ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ ކުރިން އޭނާ ވަނީ މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވައިފައެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުން ވަކިވެވަޑައިގަތުމަށް ފަހު، ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފައެވެ.

ޖުޑީޝަރީ ކޮމިޓީން ސަމީރުގެ ނަން ފާސްކޮށްފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރުމާ މެދު އެންމެ ފަހުގެ ނިންމުން ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުންނެވެ.