ރަސްމާލެ ތަރައްގީކުރުމަށް ޔޫއޭއީގެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ އިން 500 ހެކްޓަރުގެ ބިން، ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި ކުރީގެ މެންބަރު އަލީ ހުސައިންނެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމަވާފައިވާގޮތުގައި، އެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ފުރަތަމަ މަރުހަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ނުވާތީ އެ މައްސަލަ އެ ކޯޓުން ބަލައިގަނެވެން ނެތެވެ.

މި މަޝްރޫއަކީ 99 އަހަރުގެ މުއްދަތަކަށް ބިން ކުއްޔަށް ދީގެން ސަރުކާރާއި އީގަލް ހިލްސް ގުޅިގެން ހިންގުމަށް ހުށަހަޅާފައިވާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން 5000 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުނިން ފަންޑުކުރުމަށް ހަމަޖެހިފައިވެއެވެ.
އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލީ އަލްއައްބާރު ވިދާޅުވެފައިވާގޮތުގައި މި މަޝްރޫއުގެ ސަބަބުން އިމާރާތկުރުމުގެ މަރުހަލާގައި 40،000 ވަޒީފާ ލިބޭނެ ކަމަށާއި އަދި 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ދާއިމީ ވަޒީފާ އުފެދިގެންދާނެއެވެ.
މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިންވެސްޓްމަންޓްތައް އިތުރުވެ، އިގުތިސާދީ ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. އަދި ކޮންމެ އަހަރަކު އިތުރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށާއި މަޝްރޫއުގެ މުއްދަތުގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދެ ބިލިއަނެއްހާ ޑޮލަރުގެ އާމްދަނީއެއް ސަރުކާރަށް ލިބޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.











ކިޔުންތެރިންގެ ހިޔާލު