ހާރިޖީ ވުޒާރާއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކުގެ ތަފްޞީލު ރައްޔިތުންނާ ހިއްސާކުރުމަށާއި، އެ އިދާރާގެ ޓީމާ ސީދާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ޚާއްޞަ "އޯޕަން ޑޭ" އެއް ބޭއްވުމަށް އެ ވުޒާރާއިން ވަނީ ތައްޔާރުވެފައެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން "ޚާރިޖިއްޔާ ދިވެހިންނާ ގާތަށް" ނަމުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ "އޯޕަން ޑޭ" 19 ނޮވެންބަރު 2026 ގައި އޮންނާނެ

📃 ނޫސް ބަޔާން | t.ly/xpYCH

މި އިވެންޓް ކުރިއަށްދާނީ މާދަމާ ހަވީރު 3:00 އިން ފެށިގެން 6:00 އާ ހަމައަށް ހާރިޖީ ވުޒާރާ ހިނގަމުންދާ ޢިމާރާތުގައެވެ.

"ޑިޕްލޮމަސީ ވީކް 2026" އާ ގުޅުވައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ޝިޢާރަކީ "ހާރިޖިއްޔާ ދިވެހިންނާ ގާތަށް" މިއެވެ. މިއީ ހާރިޖީ ދާއިރާގެ އެންމެހައި ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ޢާންމުންގެ އެދުންތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ބަހައްޓަވާ ޚާއްޞަ ސަމާލުކަން ދައްކުވައިދޭ ހަރަކާތެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ.

އިޝްތިހާރު އިޝްތިހާރު

މި އިވެންޓުގެ ތެރޭގައި ތަފާތު ދާއިރާތަކުން މަޢުލޫމާތު ދިނުމަށް ޚާއްޞަ ބައިތަކެއް ޤާއިމުކުރެވިފައި ހުންނާނެއެވެ. އޭގެ ތެރޭގައި:

ވިސާ ކޯނަރ: ވިސާއާ ގުޅުންހުރި ކަންކަމާއި، ކޮންސިއުލަރ ދާއިރާގެ އެހީތެރިކަމުގެ އިތުރުން ލިޔެކިޔުންތައް ޞައްޙަކުރުމާ (އެޓެސްޓޭޝަން) ގުޅޭ މަޢުލޫމާތު.

ވީއެފްއެސް ސާވިސަސް ޑެސްކް: ވިސާ އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ އިރުޝާދާއި، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި ޝަރުޠުތަކުގެ ތަފްޞީލު.

ޖޮބް ކޯނަރ: އެ ވުޒާރާއިން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި، ކެރިއަރ ބިނާކޮށް ކުރިއަށްދިއުމަށް ހުރި މަގުތަކުގެ މަޢުލޫމާތު.

ކޯލް ސެންޓަރ: އެ ވުޒާރާގެ މުވައްޒަފުންނާ ސީދާ ބައްދަލުކޮށް ޚިދުމަތްތަކާ ބެހޭ ގޮތުން މަޢުލޫމާތު އޮޅުންފިލުވައި މަޝްވަރާކުރުން.

ކުއިޒް އަދި ޓްރިވިއާ: ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރޭވިފައިވާ ޝައުޤުވެރި ކުޅިވަރުތަކާއި ހަރަކާތްތައް.

މީގެ އިތުރުން، އެކި ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ އެމްބަސީތަކާއި މިޝަންތަކުން ދިވެހިންނަށް ލިބިދޭ އެހީތެރިކަމާއި ޚިދުމަތްތަކުގެ މަޢުލޫމާތު ވެސް މި ހަރަކާތަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ކަމަށް ހާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މި ހަރަކާތަކީ ޢާންމު ރައްޔިތުންނާ އޮންނަ އިތުބާރާއި ގުޅުން ބަދަހިކުރުމަށާއި، ކޮންސިއުލަރ ދާއިރާއަށް ރައްޔިތުން އަހުލުވެރިކުރުވުމުގެ އިތުރުން، ޤައުމުގެ ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ މަސައްކަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް އެ ވުޒާރާއިން އަޅަމުންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ.