ރާއްޖޭގެ 42 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް (ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު) ގާއިމުކުރުމަށާއި، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަފީފެވެ. ލިޓަސް ކޮންސްޓްރަކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ޒިހާން ރިޔާޒެވެ.

މި މަޝްރޫޢުގެ ދަށުން ކަނޑައެޅިފައިވާ 42 ރަށުގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒުތައް އިމާރާތްކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމަށާއި ވަސީލަތްތައް އަލުން ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބޭނުންވާ އެންމެހައި މެޝިނަރީޒާއި އިކުއިޕްމަންޓް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު އިޝްތިހާރު

ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގައި ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ތިމާވެއްޓާ ރައްޓެހި ހައްލެއް ހޯދައިދިނުމާއި، ރަށްރަށުގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލްތަކަށް އެހީތެރިވެދިނުމެވެ.

އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށްރަށުގެ ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.