މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ އެކި ދާއިރާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ އެކި ފަރާތްތަކާ ސީދާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، މި އެކްސްޕޯގެ ތެރެއިން ކެރިއަރ ކައުންސެލިންގ ސެޝަންތަކާއި، ހުނަރު އިތުރުކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން، އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ މުހިންމު ފުރުސަތުތަކެއް ޒުވާނުންނަށް ލިބިގެންދާނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އެކްސްޕޯގެ ތެރެއިން ބީއެމްއެލްގެ ސްޓޯލުން، އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޭންކުގެ މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ އެކިއެކި ތަމްރީނުތަކާއި، ބޭންކިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކުގެ މައުލޫމާތުވެސް ފޯރުކޮށްދެވޭނެއެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި، ގައުމުގެ ވަޒީފާގެ ބާޒާރުގައި ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމަށް ބީއެމްއެލްއިން ދޭ ހާއްސަ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

ދިވެހި ޒުވާނުންގެ ތައުލީމާއި ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ މައިދާނުގައި ކުރިއަށްދިއުމަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން މީގެ ކުރިން 2025 ވަނަ އަހަރު ބޭއްވި ވަރަ އެކްސްޕޯގައިވެސް މެއިން ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެ، ބޮޑު އެއްބާރުލުމެއް ދީފައިވާނެކަމަށް ބީއެމްއެލުން ބުންޏެވެ.