ޔޫއެފާ ނޭޝަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ އިޓަލީގެ މައްޗަށް 1-4 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި، މާކް ވެން ބޮމެލްގެ އިރުޝާދުގެ ދަށުން ކުޅޭ ބެލްޖިއަމް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. ބެލްޖިއަމް ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ބްރަސަލްސްގައި ކުޅުނު މި މެޗު ފެށިގެން ދިޔައީ ފޯރިގަދަކޮށެވެ. މެޗުގެ ކުރީކޮޅު ބެލްޖިއަމްގެ ކީޕަރު ސެނެ ލަމެންސް ވަނީ އިޓަލީން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ނަމަވެސް، އިޓަލީން އުފެއްދި ހަލުވި ކައުންޓާ އެޓޭކެއްގައި ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ ވަނީ ގޯލުގެ ކައިރިން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމަށް ލީޑު ނަގައިދީފައެވެ.

އިޓަލީގެ މި ލަނޑަށް ފަހު ވެން ބޮމެލްގެ ޓީމުން ވަގުތުން ރައްދު ދިނެވެ. ޗާލްސް ޑެ ކެޓެލެއާ ޕެނަލްޓީ އޭރިއާ ތެރެއަށް ހުށިޔާރުކަމާއެކު ޖައްސާލި ބޯޅައަކުން މެކްސިމް ޑެ ކުއިޕާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި މެޗުގެ ނަތީޖާ 1-1 އަށް ހަމަހަމަކޮށްފައެވެ. އޭގެ އިރުކޮޅެއް ފަހުން ނޭތަން އެންގޯއީ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލި ބާރު ހަމަލާއަކުން ބެލްޖިއަމަށް 1-2 ގެ ލީޑެއް ހޯދައިދިނެވެ.

އިޝްތިހާރު އިޝްތިހާރު

މެޗުގައި ބެލްޖިއަމްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ޖެރެމީ ޑޮކޫއެވެ. އޭނާ ވަނީ އިޓަލީގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ފުރިހަމަ ހުނަރުވެރިކަމާއެކު މި ލަނޑު ޖަހާފައެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްވީ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތައް އަރާފައިވާ ކެވިން ޑި ބްރޭނާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ. އަނެއްކޮޅުން އިޓަލީގެ ނިކޮލޯ ޕިސިލީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ބޭރަށެވެ. މެޗު ވަރުގަދަކޮށް ފެށި ނަމަވެސް، ފަހުން ބެލްޖިއަމްގެ ކުޅުން ހުއްޓުވުމަށް އިޓަލީ އޮތީ ނުކުޅެދިފައެވެ.

ދެވަނަ ހާފުގައިވެސް ބެލްޖިއަމުން ވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޔޫރީ ޓީލެމަންސް ދިން ބޯޅައަކުން ޑި ބްރޭނާ ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު، ޑެ ކެޓެލެއާ ބޮލުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މީގެ އިތުރުން ޑި ބްރޭނާގެ އިތުރު ހަމަލާއެއް އިޓަލީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުއްމާ ވަނީ މޮޅަށް ދިފާއުކޮށްފައެވެ.

މެޗުގެ ފަހުކޮޅުގައި ޑެ ކުއިޕާ އަށް ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކުރި ކަމަށް ބުނެ ބެލްޖިއަމުން ޕެނަލްޓީއަކަށް އެދުނު ނަމަވެސް ރެފްރީ އެކަން ބަލައިގެންފައެއް ނުވެއެވެ. އޭގެ ފަހުން ޑިއޭގޯ މޮރެއިރާ ފޮނުވާލި ހަމަލާއެއް ބޭރަށް ދިޔަ ނަމަވެސް، މެޗު ނިމެން ދަނިކޮށް ޑި ބްރޭނާ ދިން ބޯޅައަކުން މޮރެއިރާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައި ނަތީޖާ 1-4 އަށް ބަދަލުކޮށްފައެވެ.

އިތުރު ވަގުތުގެ ތެރޭގައި އިޓަލީގެ އެސްޕޮސިޓޯ އަތުން ޕެނަލްޓީއެއް ބޭކާރުވިއިރު، އަލްފަދްޖޯ ސީސޭ ޖެހި ގޯލު ރެފްރީ ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި މިކާ ގޮޑްޓްސް ވެސް ކުޅެން އެރިއިރު، "ރެޑް ޑެވިލްސް"ގެ ނަމުން މަޝްހޫރު ބެލްޖިއަމުން މި މެޗު ނިންމާލީ ކާމިޔާބު ކުޅުމަކާއެކު ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިގެންނެވެ.