ކައްކާ ގޭހުގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް، މާދަމާއިން ފެށިގެން އެއްވެސް ދަތިކަމެއް ނެތި ކުރިއެކޭ އެއްގޮތަށް ގޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.
ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން، މި ހިނގާ މަހުގެ 4 ވަނަ ދުވަހުން ފެށިގެން މޯލްޑިވް ގޭހުން އައީ ކޮންޓްރޯލް ކޮށްގެން ގޭސް ވިއްކަމުންނެވެ. އެ މުއްދަތުގައި ގޭސް ދޫކުރަމުން ދިޔައީ 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ބޮޑެތި ފުޅިތަކަށް 31 ކިލޯގެ މަގުންނެވެ.
މޯލްޑިވް ގޭހުން މިއަދު ބުނީ، ސަޕްލައިއަށް ދިމާވި ދަތިތައް މިހާރު ވަގުތީ ގޮތުން ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ފުޅިތަކަށް ގޭސް އަޅައިދިނުމުގައި ގެނައި ކޮންޓްރޯލް ނިމުމަކަށް ގެނެސް، މާދަމާއިން ފެށިގެން ފުރިހަމައަށް ގޭސް އަޅައިދޭން ފަށާނެ ކަމަށް ވެސް އެ ކުންފުނިން ޔަގީންކޮށްދިނެވެ.
މީގެއިތުރުން، މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަޝްރޫއެއް އެ ކުންފުނިން މިހާރު ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެ މަޝްރޫއު ނިމުމުން އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވި، ކުރިމަތިވާ މިފަދަ ތާށިކަންކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވް ގޭހުން ފާހަގަކުރެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.