ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދިމާވި ދަތިތަކާ ގުޅިގެން ގޭސްފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން މަދުކުރުމުން ފަތުރަމުންދާ ދޮގު ވާހަކަތަކުގެ ހަގީގަތް މޯލްޑިވް ގޭހުން އާންމުކުރި މައުލޫމާތުގައި ސާފުކޮށްދީފިއެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގު އުފުލުމާއި އެތެރެކުރުމަށް ދިމާވި ގޮންޖެހުންތަކާ ހުރެ، 7 ނޮވެމްބަރު 2026 އިން ފެށިގެން ގޭސްފުޅިތަކަށް ގޭސް އަޅައިދޭ މިންވަރަށް ވަނީ ވަގުތީ ބަދަލެއް ގެނެސްފައެވެ. މޯލްޑިވް ގޭހުން ބުނީ މި ބަދަލާއެކު ގޭހުގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.
މި ބަދަލުގެ ދަށުން ކުރިން 10 ކިލޯގެ ގޭސް އަޅާ ފުޅިއަކަށް މިވަގުތު އަޅައިދެނީ 7 ކިލޯގެ ގޭހެވެ. ކުރިން 10 ކިލޯގެ ގޭސްފުޅިއެއް 200 ރުފިޔާއަށް ވިއްކިއިރު، މިހާރު 7 ކިލޯ ގޭސް އަޅައިގެން ވިއްކަނީ ސީދާ 140 ރުފިޔާއަށެވެ. އެހެންކަމުން ގޭސް ކިލޯއަކަށް ޖެހޭ 20 ރުފިޔާގެ އަގަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
މީގެ އިތުރުން 22 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 14 ކިލޯގެ ގޭހެވެ. އަދި 45 ކިލޯގެ ފުޅިއަށް އަޅައިދެނީ 31 ކިލޯގެ ގޭހެވެ. މި ހުރިހާ ފުޅިއަކުންވެސް ފައިސާ ނަގަމުންދަނީ ފުޅިއަށް އަޅައިދޭ ގޭހުގެ ހަގީގީ ބަރުދަނަށް ބަލައިގެން، ކަނޑައެޅިފައިވާ ސީދާ ރޭޓުންނެވެ.
ގޭސް އަޅާ މިންވަރު މަދުކުރުމުން މޯލްޑިވް ގޭހުން މަކަރު ހަދައި އަގު ބޮޑުކުރަނީ ކަމަށް ބުނެ މީސްމީޑިއާގައި ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ ކުންފުނިން ބުނީ އެއްވެސް ކަމެއް އޮޅުވާލާފައި ނުވާނެ ކަމަށާއި ކަސްޓަމަރުންގެ އަތުން ނަގަނީ ލިބޭ ގޭހުގެ މިންވަރަށް ޖެހޭ ސީދާ އަގު ކަމަށެވެ.
އަދި ގޭހަކީ ކިލޯއިން ކިރައިގެން އަޅާ އެއްޗެއް ނޫން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށްވެސް އެ ކުންފުނިން ވަނީ މައުލޫމާތު ސާފުކޮށްދީފައެވެ. ރާއްޖޭގައި ބޭނުންކުރާ ކައްކާ ގޭހަކީ ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ކަމަށްވާތީ، ފުޅީގައި ގޭސް ރައްކާކުރަނީ ގަދަ ޕްރެޝަރުގައި ދިޔާކޮށް ކަމަށްވާތީ އެއީ ކިލޯއިން ކިރޭ އެއްޗެކެވެ.
މޯލްޑިވް ގޭހުން ދަނީ ގޭސް އެތެރެކުރުމަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ކުރިއެކޭ އެއްގޮތަށް ފުރިހަމައަށް ގޭސް އަޅައިދިނުމުގެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ދަތިތަކުން ސަލާމަތްވުމަށްޓަކައި، ރާއްޖޭގައި ތިން މަސްދުވަހުގެ ގޭސް ރައްކާކުރެވޭނެ ފަދަ ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަޝްރޫއެއްވެސް އެ ކުންފުނިން ވަނީ ފަށާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.