ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ ހައުސިން ޔުނިޓުތަކުގެ އުސޫލުތަކާއި ޤަވާއިދުތަކާއި ހިލާފުވެގެން މިމަހުގެ 5 ގެ ނިޔަލަށް ޖުމްލަ 92 މައްސަލަ ރިކޯޑު ކޮށްފައިވާކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޯޕަރޭޝަނަށް ފާހަގަކުރެވުނު މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ގިނައިން ފާހަގަވެފައިވަނީ ހުއްދަނެތި ބަދަލު ގެނައުމުގެ މައްސަލަތައް ކަމަށް އެފްޑީސީން ވިދާޅުވިއެވެ. އެފަދަ 44 މައްސަލައެއް އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާއިރު، އޭގެތެރެއިން 14 ފަރާތެއް ޖޫރިމަނާކޮށް އެއް ފަރާތަކަށް އިންޒާރުގެ ނޯޓިސް ފޮނުވާފައިވާކަމަށް އެފްޑީސީން ވިދާޅުވިއެވެ.

އަދި ހުއްދަނެތި ބަދަލު ގެނައުމުގެ 29 މައްސަލަ އެ ކޯޕަރޭޝަނުން މިހާރުވެސް ބަލަމުންދާ ކަމަށާއި، ހުއްދަނެތި ޔުނިޓުތައް ކުއްޔަށް ދޫކުރި 18 މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. މީގެއިތުރުން 7 ފަރާތެއް ޖޫރިމަނާކޮށް 2 ފަރާތަކަށް އިންޒާރުގެ ނޯޓިސް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނުވަ މައްސަލައެއް އެކޯޕަރޭޝަނުން މިވަގުތު ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

އާންމު ތަންތަނަށް ގެއްލުން ދިނުމުގެ 16 މައްސަލައެއް ފާހަގަކުރެވިގެން 5 ފަރާތަކަށް އިންޒާރު ދީފައިވާއިރު، 11 މައްސަލައެއް ދަނީ ބަލަމުންނެވެ. މީގެ އިތުރުން އެންގުންތަކަށް އަމަލު ނުކުރާ 10 މައްސަލައެއްގެ ތެރެއިން 1 ފަރާތަކަށް އިންޒާރުދީފައިވާ ކަމަށާއި، 9 މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ކުނި އެޅުމުގެ ޤަވާއިދާއި ޚިލާފުވި 4 މައްސަލައިގެ ތެރެއިން 2 ފަރާތް ޖޫރިމަނާކޮށް، އަނެއް 2 މައްސަލަ ބަލަމުންދާކަމަށް އެފްޑީސީން ވިދާޅުވިއެވެ.

ޔުނިޓްތަކުގެ ކުލި ދެއްކުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިމަހުގެ 4 ގެ ނިޔަލަށް 3،432 ހައުސިންގ ޔުނިޓުން ޤަވާއިދުން ކުލި ދައްކަމުންދާ ކަމަށާއި، މިއީ އޭގެ ކުރީ މުއްދަތުގައި ކުލި ދައްކަމުން ދިޔަ 3،362 ޔުނިޓާއި އަޅާބަލާއިރު 12.2 އިންސައްތައިގެ ކުރިއެރުމެއްކަން އެފްޑީސީން ފާހަގަކުރައްވައެވެ. މިއާއެކު ފައިސާ ނުދައްކާ ހުރި ޔުނިޓުތަކުގެ އަދަދުވަނީ، 567 ޔުނިޓުން 495 ޔުނިޓަށް ދަށްކުރެވިފައެވެ.