ތިލަފުށީގައި ތަރައްޤީކުރާ އައު ވިޔަފާރި ބަނދަރުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، މާލޭގެ ނޯތު ހާބަރަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އިންގިލާބީ ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން މިހެން ބުނީ މުދާ އުފުލާ އުޅަނދުފަހަރަށް ދިމާވާ ދަތިތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ނޯތު ހާބަރަށް ވަނުމަށް ބޯޓުފަހަރު ގިނަ ދުވަސްތަކެއް ވަންދެން ކިއުގައި ތިބެންޖެހޭ މައްސަލައާއި، ފަޅު ތެރޭގައި ހުރި ދަތިތަކާ ގުޅޭގޮތުންނެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޙުސައިން ޝަފީޤު ވިދާޅުވީ، ނޯތު ހާބަރުގައި މިހާރު އޮތް ޖާގައަކީ ޙަޤީޤަތުގައި ވެސް އެކަށީގެންވާ ވަރަށްވުރެ ކުޑަ ޖާގައެއް ކަމަށެވެ. ނަމަވެސް، ތިލަފުށްޓަށް ޕޯޓު ބަދަލުކުރެވުމުން 2.3 ކިލޯމީޓަރުގެ ބޮޑު ކީވޯލެއް ލިބިގެންދާނެ ކަމަށާއި، މިއީ މުދާ އުފުލުމާއި ބޭލުމުގެ ނިޒާމަށް އަންނާނެ ވަރަށް ބޮޑު ލުޔެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނޯތު ހާބަރުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން އެ ސެކްޝަންގެ މެނޭޖަރު މުޙައްމަދު އަޒަރު ވިދާޅުވީ، އެ ބަނދަރުގެ ޚިދުމަތް ފެށިއިރު އޮތީ 80 ބޯޓު ކަމުގައި ވިޔަސް، މިހާރު އެ އަދަދު 149 އަށް އަރާފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު އަލަށް 25 އާއި 34 އާ ދެމެދުގެ އަދަދަކަށް ބޯޓުފަހަރު އިތުރުވަމުންދާއިރު، ބަނދަރުގެ ފަޅު އެއްވެސް ވަރަކަށް ބޮޑުވެފައި ނުވާތީ ލަސްތައް ކުރިމަތިވަނީ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ ސަބަބުން ވެސް ބަނދަރުގެ އެއްގަމު ޖާގަ ވަނީ ހަނިވެފައެވެ.
އެމްޕީއެލްއިން އިތުރަށް ބުނީ، މި ދަތިތައް ހައްލުކުރުމަށްޓަކައި ޤަވާއިދުތަކަށް ބަދަލު ގެނެސް، 104 ބޯޓެއްގެ އޮޕަރޭޓަރުންނާ މަޝްވަރާކޮށް ސާވޭއެއް ވެސް ހަދާފައިވާ ކަމަށެވެ. އަދި މިހާރުގެ ހާލަތަށް ބަލާއިރު ސަލާމަތީ ގޮތުންނާއި އިންތިޒާމީ ގޮތުން އެންމެ އެކަށޭނަ ގޮތަކީ މިހާރު ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުން ކަމުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.