އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ލިވަޕޫލުން ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން 18 ޕޮއިންޓް ހަމަކޮށް ލިވަޕޫލުން ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރިއިރު، މިއީ ލީގުގައި ޕެލަސް ވިދިވިދިގެން ބަލިވި ހަތަރުވަނަ މެޗެވެ. މިއާއެކު އެ ޓީމުގެ ކޯޗު ޕިއޭ ސޭޖްގެ މަގާމާމެދު ވަނީ އިތުރަށް ސުވާލުތައް އުފެދި، އޭނާއަށް އޮތް ޕްރެޝަރު ވަރަށް ބޮޑުވެފައެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި އަދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފީ ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، އެލެކްސިސް މެކަލިސްޓާ ވަނީ ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ނަގައިދީފައެވެ.

އިޝްތިހާރު އިޝްތިހާރު

މެޗުގެ ދެވަނަ ހާފު ފަށައިގެން 9 ވަނަ މިނެޓުގައި ފްލޯރިއަން ވާރޓްޒް ލިވަޕޫލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ޖަހައިދިނީ އެލެކްޒެންޑަރ އިސާކްއެވެ. މިއީ މި ސީޒަނުގެ ލީގުގައި އިސާކް ކާމިޔާބުކުރި 7 ވަނަ ލަނޑެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޕެލަސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ސުން ކަނޑުވައިދިނީ އެޑީ އެންކޭޓިއާއެވެ. ނަމަވެސް އޭރު މެޗުގެ ނަތީޖާ ބަދަލުކުރުމަށް ޕެލަސްއަށް ވަނީ ވަގުތު ފާއިތުވެފައެވެ.