ހުޅުމާލޭގައި ސަރުކާރުގެ ޚަރަދުގައި އިމާރާތްކުރުމަށް ނިންމާފައިވާ 50 އެނދުގެ މެންޓަލް ހެލްތު ހޮސްޕިޓަލް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް، ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަންޖެހޭ އަދަދު 900،000 ރުފިޔާއަށް އިތުރުކޮށްފިއެވެ.

މި ބަދަލު ގެނެސްފައިވަނީ މި މަސައްކަތަށް ބީލަން ހުޅުވައިލިތާ ދޮޅު މަސް ދުވަސް ފަހުން ފިނޭންސް މިނިސްޓްރީން ކުރި އާ އިއުލާނެއްގައެވެ.

މިދިޔަ ސެޕްޓެންބަރު 23 ގައި ކުރި އިއުލާނުގައި ބީލަމުގައި ބައިވެރިވުމަށް 1،500 ރުފިޔާ ދެއްކުމުގެ މުއްދަތު އޮކްޓޯބަރު 20 ގެ ނިޔަލަށް އޮތް ނަމަވެސް، އެ މުއްދަތު މިހާރު ވަނީ ނޮވެންބަރު 18 ގެ ނިޔަލަށް އިތުރުކޮށްފައެވެ. ބަނޑޭރިޕޭ މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު ފައިސާގެ ރަސީދާއެކު ދަފުތަރުވާން އެދޭ ފަރާތުގެ މައުލޫމާތު އީމެއިލް ކުރުމަށް މިނިސްޓްރީން އެދެއެވެ.

އިޝްތިހާރު އިޝްތިހާރު

އޭގެ އިތުރުން، ކުރިން ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭ 864،000 ރުފިޔާގެ ބަދަލުގައި މިހާރު ވަނީ ނުވަ ލައްކަ ރުފިޔާ ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކޮށްފައެވެ. އެ ފައިސާ ބީލަން ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ސުންގަޑި ކުރިން އޮކްޓޯބަރު 25 ގައި އޮތް ނަމަވެސް، ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ މުއްދަތު މިހާރު ވަނީ ނޮވެންބަރު 23 ގެ މެންދުރުފަހު 13:00 އާ ހަމައަށް އިތުރުކޮށްފައެވެ.

މެންޓަލް ހެލްތު ހޮސްޕިޓަލް ސަރުކާރުގެ ސީދާ ބަޖެޓުން އިމާރާތްކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ މިދިޔަ އޭޕްރިލް 27 ގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ބޭރުގެ ލޯނު އެހީގައި މި ހޮސްޕިޓަލް ގާއިމުކުރުމުގެ އިޖުރާއަތްތައް ދިގުލައިގެންދާތީ، މަޝްވަރާކުރުމަށްފަހު ސަރުކާރުގެ ބަޖެޓުން އެ މަސައްކަތް ކުރަން ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ލޯނު ފެސިލިޓީ ސިއްހީ ދާއިރާގެ އެހެން ކަމަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި މި ހޮސްޕިޓަލް އަޅަން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ނަފުސާނީ ފަރުވާއަށް ބޭނުންވާ ގިނަ ވަސީލަތްތައް ހުރީ މާލެ ސަރަހައްދުގައި ކަމަށްވާތީ، މާލެ ސަރަހައްދުގައި ހޮސްޕިޓަލް ގާއިމުކުރުން މުހިންމު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.