މަސްވެރިންގެ ދުވަސް 2026 ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ހުޅުމާލޭގައި ކެއްކުމުގެ މުބާރާތެއް ބާއްވަން ނިންމާފައިވާ ކަަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެގޮތުން 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 12 ވަނަ ދުވަހުއެވެ.

 މަސްވެރިންގެ ދުވަހާ ގުޅިގެން "ރަހަވަރު" ކެއްކުމުގެ މުބާރާތެއް ބާއްވަނީ މަސްވެރިންގެ ދުވަހާ ގުޅިގެން ކެއްކުމުގެ ހަރަކާތެއް އިންތިޒާމު ކުރަމުންދާއިރު، "ރަހަވަރު" މި ބުރާރާތުގެ އަސާސީ މަގުސަދަކީ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، މަސްވެރިކަމުގެ ދާއިރާއާއި ކެއިންބުއިމުގެ ކާނާގެ ބާވަތްތައް އީޖާދީ ގޮތެއްގައި ތަރައްގީކޮށް ސިނާއަތް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރުމާއެކު، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަސްވެރިކަމުގެ ސިނާއަތުން ފޯރުކޮށްދޭ އަގުހުރި ހިއްސާ ފާހަގަކުރުމަށްޓަކައެވެ.

އިޝްތިހާރު އިޝްތިހާރު

އެގޮތުން ކުރީއަހަރުތަކެކޭވެސް އެއްފަދައިން، މިއަހަރުގެ މުބާރާތްވެސް އަމާޒުކޮށްފައިވަނީ ޒުވާނުންނާއި އާންމުކޮށް ކައްކާ ފަރާތްތައް ބައިވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދިރުންތައް ބޭނުންކުރުމާއި، ސިނާއަތް ތަފާތުކޮށް ކުރިއެރުވުން ދައްކުވައިދޭ އުފެއްދުންތެރި ކަނޑުމަހުގެ ރެސިޕީތައް ހޯދުމަށް ހިތްވަރުދިނުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

މި މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2 ނުވަތަ 3 މެމްބަރުންގެ ޓީމުތަކެށެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 19 ނޮވެންބަރު 2026 ވަނަ ދުވަހުގެ 14:00 އެވެ.

މަސްވެރިންގެ ދުވަހުގެ "ރަހަވަރު" ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއި ގުޅިގެން މައުލޫމާތު ބޭނުންވާނަމަ މިނިސްޓްރީގެ ނަަންބަރު 3339216 ނުވަތަ 3339223 ގުޅައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ.

މިދިޔަ އަހަރު "ރަހަވަރު" ކެއްކުމުގެ މުބާރާތް ބޭއްވީ މުޅި ރ. އަތޮޅަށް ހުޅުވާލައިގެން ދުވާފަރުގައެވެ. މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރީވެސް ދުވާފަރުގައެވެ.