ކުރިއަށް އޮތް ބުދަދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތުމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އަންގައިފި އެވެ.
Maldives Meteorology@MetMaldivesHeavy rain and the possibility of flooding expected across the country from 7th to 11th November 2026.
މެޓް އޮފީހުން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބުދަދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރުމާއެކު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ބެލެވެ އެވެ.
އެ އިދާރާއިން އާންމުކުރި ސެޓެލައިޓް މަންޒަރުތަކުން ދައްކާ ގޮތުގައި ރާއްޖެ ހިމެނޭ ސަރަހައްދު މިވަގުތު ވެސް ވަނީ ބޯ ވިލާތަކުން ބައްދާލައިފަ އެވެ.
މެޓުން މި ސަމާލުކަން ދިންއިރު، ދެކުނުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވެ އެވެ. މީގެ ތެރޭގައި ހިމެނޭ ގއ. ކޮލަމާފުށީގައި ފެންބޮޑުވެ، އެ ރަށުގެ ގޭބިސީތަކަށާއި އިދާރާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މީގެ އިތުރުން މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށުން ކަރަންޓުގެ ހިދުމަތް ވެސް ކެނޑިގެން ދިޔަ އެވެ.
އެންޑީއެމްއޭއިން ހާމަކުރި ގޮތުގައި، ށ. ޅައިމަގަށް އެރި ނަގޫރޯޅިއެއްގެ ސަބަބުން ހަތަރެއްހާ ގެއެއްގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.
އެ އިދާރާއިން ބުނީ، އެ ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި ޒަހަމްވި މީހެއްގެ ބޯ ފަޅައިގެން ގޮސްގެން ފަރުވާދެމުން އަންނަ ކަމަށާއި، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ރަށު ކައުންސިލުން މިހާރު ކުރަމުންދާ ކަމަށެވެ.
މެޓް އޮފީހުގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ، އާންމު ގޮތެއްގައި ވަޔާއި ކަނޑުތައް މަޑު ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ވައި ބާރުވެ، ކަނޑުތައް ގަދަވާން ފަށާނެ ކަމަށް ވެސް އޭނާ ލަފާކުރެއްވި އެވެ.
ދިވެހިރާއްޖޭގެ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް އޮންނަނީ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހަށެވެ. މޫސުން ބަދަލުވާ ދުވަސްވަރެއްގެ ގޮތުގައި ފާހަގަކުރެވެނީ އެޕްރީލް މަހާއި ޑިސެމްބަރު މަހެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.