އޭޝިއަން ޓެނިސް ބޯލް ކްރިކެޓް ޗެމްޕިއަންޝިޕްގެ ދެވަނަ މަގާމު ހޯދުމަށްފަހު، ރާއްޖެ ތަމްސީލުކުރި އައިޒީ އެކަޑަމީގެ ޓީމު އެނބުރި ޤައުމަށް އަތުވެއްޖެއެވެ.
މުޅިން އަލަށް ރާއްޖޭގެ ޓީމެއް މި މުބާރާތުގައި ވާދަކުރިއިރު، މި ދަތުރުގައި ބައިވެރިވި ސްކޮޑުގައި ޖުމްލަ 14 ކުޅުންތެރިންނާއި 5 އޮފިޝަލުން ހިމެނެއެވެ. އޭގެ ތެރޭގައި 19 އަހަރުންދަށުގެ ޤައުމީ ޓީމަށް ނިސްބަތްވާ ދެ ކުޅުންތެރިއަކުވެސް ހިމެނެއެވެ.
މުބާރާތުގެ ތަށި ހޯދުމަށް ކުޅުނު ފައިނަލް މެޗުން ރާއްޖެ ބަލިވީ ބަހްރައިން އަތުން 21 ލަނޑުންނެވެ. އަދި ރާއްޖޭން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި އަވަށްޓެރި ސްރީލަންކާގެ މައްޗަށް 9 ލަނޑުގެ ކުރިއެރުމެއް ހޯދައިގެންނެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމަށްފަހު ވާހަކަދައްކަމުން އައިޒީ އެކަޑަމީގެ ހެޑް ކޯޗު މުޙައްމަދު އަފްލަހް ފާހަގަކުރި ގޮތުގައި، މި މުބާރާތުގައި ޓީމު ވާދަކުރީ ދެ ފޯމެޓަކަށެވެ.
ރާއްޖޭގައި އާންމުކޮށް ކުޅޭ ވައްޓަފާޅިއަށް ކުޅުނު މެޗުތަކުގައި، މުބާރާތުގެ އެންމެ ވަރުގަދަ ޓީމުތަކުގެ މައްޗަށް ރާއްޖޭން ކާމިޔާބު ހޯދިކަން ކޯޗު ފާހަގަކުރިއެވެ. މީގެ ތެރޭގައި ކުރިކެޓުގެ ގަދަބާރު އިންޑިއާގެ އިތުރުން ޔޫއޭއީ، ސްރީލަންކާ އަދި އުޒްބަކިސްތާނު ހިމެނެއެވެ.
މި މުބާރާތުގައި އަލަށް ވާދަކޮށް މިފަދަ ބޮޑު ކާމިޔާބެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، މި ނަތީޖާއިން ހާމަވަނީ ރާއްޖޭގެ ކްރިކެޓުގެ މުސްތަޤުބަލު އުޖާލާކަން ކަމުގައި ކޯޗު ބުންޏެވެ.
ކޯޗު ބުނި ގޮތުގައި މިއީ ހަގީގަތުގައިވެސް ވަރަށް ބޮޑު ކާމިޔާބީއެކެވެ. މުޅިން އަލަށް މި މުބާރާތުގައި ބައިވެރިވިއިރު، މިއީ 70 ވަރަކަށް އަހަރުވީ ދުވަސްވީ ވަރުގަދަ މުބާރާތެކެވެ. އެހެންކަމުން މިފަދަ މުބާރާތެއްގައި ވާދަކޮށް މިވަރުގެ ކާމިޔާބީއެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ޖޫނިއާ ޤައުމީ ޓީމުގެ ދެ ކުޅުންތެރިން ޓީމުގައި ހިމެނުމުން، އެ ކުޅުންތެރިންނަށްވެސް އަގުހުރި ތަޖުރިބާތަކެއް ލިބުނު ކަމަށް ކޯޗު ބުންޏެވެ. ވަކިން ހާއްސަކޮށް، ކުރިކެޓުގައި ނަންމަޝްހޫރު އިންޑިއާއާ ދެކޮޅަށް ކުޅެ އެ މީހުން ބަލިކުރުމަކީ އެކަޑަމީއަށް ލިބުނު ޚާއްސަ ފަޚުރެކެވެ.
އިންޑިއާ ޓީމުގެ ކުޅުމުގެ ފެންވަރާއި މެޗު ވިސްނުމަކީ ފާހަގަކޮށްލެވޭ ކަމެއް ނަމަވެސް، އައިޒީގެ ކުޅުންތެރިން ދެއްކި ހިތްވަރާއެކު އެ ޓީމު ބަލިކުރެވުމަކީ ފާހަގަކޮށްލެވޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ކޯޗު އިތުރަށް ބުންޏެވެ.
އޭޝިއަން ޓެނިސް ބޯލް ކްރިކެޓް ފެޑެރޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި 13 ޤައުމަކުން ވާދަކުރިއެވެ. ގްރޫޕް އޭ ގައި ރާއްޖެއާއެކު ދެން ހިމެނުނީ ސިންގަޕޫރު، އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި ނޭޕާލެވެ. ގްރޫޕް ބީ ގައި ވާދަކުރީ މެލޭޝިއާ، އުޒްބަކިސްތާނު، ކުވައިތު، ބަންގްލަދޭޝް، ބޫޓާން، ޔޫއޭއީ އަދި އަފްޣާނިސްތާނެވެ.
މި މުބާރާތް ކުރިއަށްދިޔައީ އިންޑިއާގެ ޗެންނާއީގައި ހުންނަ ކޭސީޖީ ކޮލެޖް އޮފް ޓެކްނޮލޮޖީގެ ފީލްޑް 1 ގައި، މި ހިނގާ މަހުގެ 26 އިން 29 ގެ ނިޔަލަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.