މޯލްޑިވްސް ޒަކާތު ހައުސްގެ ފުރަތަމަ އިސްތިރާޖީ ޕްލޭން އިފްތިތާހުކޮށްފިއެވެ.
މި ޕްލޭން ތައާރަފުކޮށްދެއްވީ އިނަޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026 ފެށުމުގެ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާއެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން 2026ން 2028 އަށް އެކުލަވާލާފައިވާ އިސްތިރާޖީ ޕްލޭނަކީ ޒަކާތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ޒަކާތް ބަލައިގަންނަ މިންވަރު އިތުރުކުރުމަށާއި، އުފެއްދުންތެރި ޒަކާތުގެ ޕްރޮގްރާމްތައް ފުޅާކުރުމުގެ އިތުރުން އިދާރާގެ ޤާބިލުކަން އިތުރުކުރުމަށް އެކުލަވައިލެވިފައިވާ ތިން އަހަރު ދުވަހުގެ މަގުޗާޓެކެވެ. މިއީ ޒަކާތުގެ އިދާރީ ނިޒާމު ޒަމާނީކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ފުދުންތެރިކަން ކުރިއެރުވުމުގައި މޯލްޑިވްސް ޒަކާތު ހައުސްގެ ދައުރު ވަރުގަދަކުރުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑެއް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އިސްތިރާޖީ ޕްލޭނުގައި ޒަކާތު ހައުސްއިން ވަނީ އިސްކަންދޭނެ މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށް، އެ ކަންކަން ހާސިލުކުރުމަށްޓަކައި ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި، މާލީ ނަތީޖާއާއި، އޮޕަރޭޝަނަލް ހިންގުންތެރިކަމާއި، އަދި ދަސްކުރުމާއި ކުރިއެރުމުގެ ދާއިރާތައް ހިމެނޭހެން ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. އެ އިދާރާއިން އިސްކަންދޭ މައިގަނޑު ދާއިރާތަކަކީ އިތުބާރު ދެމެހެއްޓުމާއި ޢާންމުން ހޭލުންތެރިކުރުވުން، ޒަކާތް ބަލައިގަންނަ މިންވަރާއި ވަސީލަތްތައް އިތުރުކުރުން، އުފެއްދުންތެރި ޒަކާތް ކުރިއެރުވުން އަދި މަސައްކަތްތައް ޒަމާނީކުރުމާއި އިދާރާގެ ޤާބިލުކަން އިތުރުކުރުމެވެ.
ޒަކާތު ހައުސްއިން ވިދާޅުވީ މި ޕްލޭނުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ހިންގުމުގެ އުސޫލުތައް ޢާންމުކުރުމާއި، ގަވާއިދުން މާލީ ރިޕޯޓުތައް ހާމަކުރުމާއި، ޒަކާތް ދައްކާ ފަރާތްތަކަށާއި ޒަކާތުގެ މަންފާ ލިބޭ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ތެރެއިން ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރުކަން ކަށަވަރުކޮށް، ޢާންމުންގެ އިތުބާރު ބޮޑުކުރުމަށް ކަމަށެވެ. އަދި ޒަކާތް ޙައްޤުވާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އަމިއްލަ ދިރިއުޅުން ބިނާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މިލްކިއްޔާތު ބިނާކުރުމާއި ޤާބިލުކަން އިތުރުކުރުމުގެ ހަރަކާތްތަކަށް މިސްރާބު ބަދަލުކޮށް، އުފެއްދުންތެރި ޒަކާތުގެ ނަތީޖާ އެންމެ ފުރިހަމައަށް ނެރުމަކީވެސް މަގުސަދެއް ކަމަށް ވިދާޅުވިއެވެ.
މި ޕްލޭނާއެކު ޒަކާތު ހައުސްގެ މަގުޞަދަކީ ދެފުށް ފެންނަ، ހަލުވި އަދި އިތުބާރު ހިފޭ ޒަކާތުގެ ނިޒާމެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ. މީގެ ބޭނުމަކީ ހަމައެކަނި ވަގުތީ ބޭނުންތައް ފުއްދައިދިނުމުގެ އިތުރުން، އެހީ ލިބޭ ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ދެމެހެއްޓެނިވި ފުރުޞަތުތައް ފަހިކޮށްދީ، އަމިއްލަ ފުދުންތެރިކަން ހުރި މުޖުތަމަޢެއް ބިނާކުރުމަށް ޙިއްޞާވެވޭނެ ފަދަ ނިޒާމަކަށް ރާއްޖޭގެ ޒަކާތުގެ ނިޒާމު ބަދަލުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.