ނ. މާޅެންދޫ ދެވަނަ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން ބެޑް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނ. މާޅެންދޫގައި ތަރައްޤީކުރަމުން އަންނަ ދެވަނަ ބަނދަރުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.
މާޅެންދޫގެ ދެވަނަ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށްޓަކައި ބިންގަނޑު އެއްވަރުކޮށް، ބެޑް ތައްޔާރުކުރުމުގެ މުހިންމު މަރުޙަލާއެވެ. މި މަސައްކަތް ނިމުމުން ޖެޓީ އަދި ތޮށިގަނޑު އެޅުމުގެ މައިގަނޑު މަސައްކަތްތައް ފެށިގެންދާނެކަމަށެވެ.

މާޅެންދޫއަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަމާއި ލޯކަލް ޓޫރިޒަމް އަދި ވިޔަފާރީގެ ދަތުރުފަތުރު ކުރަމުން އަންނަ ރަށަކަށް ވުމާއެކު، މިހާރު ބޭނުންކުރަމުންދާ ބަނދަރަށް ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ސަރުކާރުން މި މަޝްރޫޢު ކުރިއަށް ގެންދަނީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދީ، އިޤްތިޞާދީ ގޮތުން ރަށަށް އިތުރު ކުރިއެރުންތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކުރުމާއި، ބޭރުތޮށްޓާއި ރިވެޓްމެންޓް ޖެހުމުގެ އިތުރުން، އެއްގަމު ތޮށިލުމާއި ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.










ކިޔުންތެރިންގެ ހިޔާލު