އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ދައުލަތުން ކުރާ ދައުވާއަށް ވަކީލަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ކްރިމިނަލް ކޯޓުން ދިހަ ދުވަހުގެ މުއްދަތެއް ދީފިއެވެ.
މި މައްސަލައަކީ އާރަށް ޓޫރިޒަމަށް ދޫކުރުމުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތު ދިން ކަމަށް ބުނެ ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ މައްސަލައެކެވެ. މިއީ ހައިކޯޓުން ކުރީގެ ހުކުމް ބާތިލުކޮށް އަލުން ބެލުމަށް އަންގާފައިވާ މައްސަލައެކެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ ހައިކޯޓުގެ ހުކުމާއެކު މައްސަލަ މިހާރު އޮތް ހިސާބު ދެފަރާތަށް ސާފުކޮށްދެއްވައިފައެވެ.

އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން އެދެނީ ކުށުގެ އުންސުރުތަކާ މެދު ޔޫސުފް ނައީމް ފާހަގަކުރި ކަންކަމަށް ދެފަރާތުން ބަހުސްކުރުމަށްފަހު މައްސަލައިގެ ގޮތެއް ނިންމުމަށެވެ. ނަމަވެސް ޔޫސުފް ނައީމް ވަނީ އޭނާއަށް ވަކީލަކު އައްޔަންކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފައެވެ.
އެ އެދިވަޑައިގަތުމާ ގުޅިގެން ގާޒީ ވަނީ ވަކީލަކު އައްޔަންކުރުމަށް ދިހަ ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއް އެ މުއްދަތު ހަމަވުމުން ބާއްވާނެކަން އިއުލާނު ކުރެއްވުމަށްފަހު އަޑުއެހުން ވަނީ ނިންމަވާލައްވައިފައެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން މި މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އެގާރަ އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އިސްތިއުނާފީ މަރުހަލާތަކަށްފަހު މަތީ ކޯޓުތަކުން ވަނީ އެ ހުކުމްތައް ބާތިލުކޮށް މައްސަލަ އަލުން ބެލުމަށް އަންގައިފައެވެ.










ކިޔުންތެރިންގެ ހިޔާލު